މިއަދުގެ ސަރުކާރު ދޮގާއި މަކަރާއި އަނިޔާވެރި ފިކުރުގެ ސަރުކާރެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ސިޓީގައި ބޭއްވުނު އެމްޑީޕީ ކައުންސިލަރުންގެ 'ލާމަރުކަޒީ ގުޅުން ކޮންފަރެންސް' ގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތީ ދެ ފިކުރެއް ކަމަށެވެ. އޭގެ ތެރޭގައި މިނިވަންކަމާއި އަޅުވެތިކަމުގެ ފިކުރު، ލާމަރުކަޒީ ފިކުރާއި މަރުކަޒީކުރުމުގެ ފިކުރު، އެކުވެރިކުރުމާއި ނަފުރަތު އުފެއްދުމުގެ ފިކުރު، އަދި ތެދުވެރިކަމާއި ދޮގުހެދުމުގެ ފިކުރު ހިމެނޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭގައި މިއޮތީ ދެ ފިކުރު. އެއީ މިނިވަންކަމުގެ ފިކުރާއި އަޅުވެތިކަމުގެ ފިކުރު. ލާމަރުކަޒީ ފިކުރާއި މަރުކަޒުކޮށް ބާރުތައް އެއްތަންކުރުމުގެ ފިކުރު. އެކުވެރިކުރުމާއި އެއްބައިވަންތަކުރުމުގެ ފިކުރާއި ފިތުނަކުރުމާއި ނަފުރަތުކުރުމާއި ގަނޑުބަނޑުކުރުމުގެ ފިކުރު. ތެދުވެރިކަމާއި ހާމަކުރުމުގެ ފިކުރާއި ދޮގާއި މަކަރާއި ހީލަތާއި އޮޅުވާލުމުގެ ފިކުރު.
ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ މިނިވަންކަމާއި ލާމަރުކަޒީ ކުރުމުގެ ފިކުރު ގެންގުޅޭ ޕާޓީއެއްކަން ދިވެހިންނަށް ސާފުކޮށް އެނގޭ ކަމަށެވެ. އެހެންނަމަވެސް، މިއަދުގެ ސަރުކާރުގެ ފިކުރަކީ އޭގެ އިދިކޮޅު ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ފިކުރަކީ ދޮގާއި އޮޅުވާލުމާއި މަކަރާއި ނަފުރަތު އުފެއްދުމާއި އަޅުވެތިކުރުމާއި ބާރުތައް ޖަމާކޮށް އޭގެ މައްޗަށް ވެރިވެގަތުމުގެ ފިކުރު ކަމަށް ޝާހިދު ސިފަކުރެއްވިއެވެ.
ވާދަވެރި ފިކުރަކަށް މި އޮތީ މިއަދު މި އޮތް ސަރުކާރު ނިސްބަތްވާ ފިކުރު. ދޮގާއި އޮޅުވާލުމާއި މަކަރާއި ނަފުރަތު އުފެއްދުމާއި އަޅުވެތިކުރުމާއި ބާރުތައް ޖަމާކޮށް އޭގެ މައްޗަށް ވެރިވެގަތުމުގެ ފިކުރާއި އަނިޔާވެރިކަމުގެ ފިކުރު.
ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މި ހާލަތުގައި ރާއްޖެ އޮތް ނަމަވެސް، އެމްޑީޕީ ފަހަތަށް ނުޖެހޭނެކަމަށާއި ޕާޓީ ސާބިތުކަމާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޮތް ކަމުގައެވެ..