މަންމައާއި ދޮންބައްޕައަށް ގެވެށި އަނިޔާ ކުރި މީހަކު 7 މަހަށް ޖަލަށްލާން ހުކުމް ކޮށްފި

މަންމައާއި ދޮންބައްޕައަށް ގެވެށި އަނިޔާ ކުރި މީހަކު 7 މަހަށް ޖަލަށްލާން ހުކުމް ކޮށްފި

Author
ހުސައިން
09 އޮކްޓޯބަރ 2024 08:04
0

މަންމައާއި ދޮންބައްޕައަށް ގެވެށި އަނިޔާ ކުރި މީހަކު 7 މަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ. ކުރިމިނަލް ކޯޓުން އިއްޔެ ހުކުމް އިއްވާފައިވަނީ އައްޑޫ ހިތަދޫ ދޮންދުބުރިގޭ މުޙައްމަދު އާމިރު (38 އަހަރު) ގެ މައްޗަށް 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާއަކީ މުދަލަށް ގެއްލުންދިނުމާއި ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވުމުގެ ކުށެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު މެޖިސްޓްރޭޓް ކޯޓަކުން އާމިރުގެ މައްޗަށް ރައްކާތެރިކުރުމުގެ އަމުރެއް ނެރުނެވެ. މި އަމުރުގައި އޭނާގެ މަންމައާއި ދޮންބައްޕައަށް އަނގަބަހުން ހަމަލާނުދިނުމަށާއި، ބިރުނުދެއްކުމަށާއި، ހަޑިހުތުރު ބަހުން ވާހަކަނުދެއްކުމަށާއި، މަސްތުވާތަކެތި ބޭނުންކުރުމަށް ފައިސާ ނުހޯދުމަށާއި، ގޭގެ މުދަލަށް ގެއްލުން ނުދިނުމަށް އަންގާފައިވެއެވެ. އަދި ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ނުކުރުމަށްވެސް އަމުރުކުރެވުނެވެ.

ނަމަވެސް، 2022 ވަނަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހު އާމިރު މި އަމުރާ ޚިލާފުވެ، މަންމަގެ އަތުން ފައިސާ ހޯދަން މަސައްކަތްކޮށް، ނުލިބުމުން ގޭގެ ބަދިގޭގައި ހުރި މިކްސަރު ތަށިގަނޑާއި ރޮށިލާ ތަށީގެ މަތިގަނޑު ހަލާކުކޮށްލިއެވެ. އާމިރު މި ދެ ކުށަށް އިޢުތިރާފުވެފައިވާކަން ފާހަގަކުރެވެއެވެ.

ހުށަހެޅުނު ލިޔެކިޔުންތަކުން އެނގޭގޮތުގައި، އާމިރު އޭނާގެ މަންމައާއި ދޮންބައްޕައަށް ތަކުރާރުކޮށް ގެވެށި އަނިޔާ ކޮށްފައިވާކަމާއި، ބިރުދެއްކުމުގެ ޢަމަލުތައް ތަކުރާރުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން މުޅި ޢާއިލާ ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހިފައިވާކަން ކޯޓުން ފާހަގަކޮށްފައިވެއެވެ.

އާމިރުގެ ކުށުގެ ރެކޯޑަށް ބަލާއިރު، 2017 ވަނަ އަހަރުގެ އޮގަސްޓް 22 ވަނަ ދުވަހު ޑްރަގް ކޯޓުގެ ފަރުވާއިން ވަކިކޮށް ފުރަތަމަ ހުކުމް ތަންފީޒުކުރުމަށް އަމުރުކޮށްފައިވާކަން އެނގެއެވެ. ނަމަވެސް މިފަހަރު އޭނާ ކުށަށް އިޢުތިރާފުވެފައިވާތީ، ދެ ދަޢުވާއަށް ޖުމްލަ 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. މީގެ ތެރެއިން އޭނާ ބަންދުގައި ހޭދަކޮށްފައިވާ 8 ދުވަސް އުނިކުރުމަށްފަހު، ބާކީ 7 މަސް ޖަލުގައި ހޭދަކުރަންޖެހޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.