ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވަޢުދާ ޚިލާފަށް، ޗާގޯސް ހޯދުމަށް އެއްވެސް މަސައްކަތެއް މިހާތަނަށް ކުރައްވާފައި ނުވާތީ ދަ ޑިމޮކްރެޓްސް ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، ނިމިދިޔަ ސަރުކާރުން ޗާގޯސްއާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅުނު ސިޔާސަތު ބަދަލުކުރި ކަމަށެވެ.
އިނގިރޭސިވިލާތާއި މޮރިޝަސް ސަރުކާރުން އިޢުލާނުކޮށްފައިވަނީ ޗާގޯސް ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އެއްބަސްވެފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ޑިމޮކްރެޓްސްއިން ކަންބޮޑުވާ ކަމަކީ، ރާއްޖެއިން ދަޢުވާކުރުމުގެ ޙައްޤު ދޫކޮށްލުމުގެ ސަބަބުން ނުވަތަ އެ ޙައްޤު އަލުން ހޯދުމަށް މަސައްކަތް ނުކުރުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ލިބިދާނެ ގެއްލުމެވެ.
ކުރީގެ ސަރުކާރުން ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ޤަބޫލުކޮށް، ސިއްރު ސިޓީއަކުން ދަޢުވާކުރުމުގެ ޙައްޤު ދޫކޮށްލުމާއި، އ.ދ.ގައި އެގޮތަށް ވޯޓުދިނުމަކީ ޑިމޮކްރެޓްސްއިން ކުރިންވެސް ކުށްވެރިކޮށްފައިވާ ކަމެކެވެ. ނަމަވެސް މިހާރުގެ ސަރުކާރުންވެސް މިކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާތީ އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ތާރީޚީގޮތުން ބަލާއިރު، 1560 ވަނަ އަހަރު ނުވަވަނަ ޙަސަން ރަސްގެފާނުގެ ސިޓީއެއްގައި ފޯޅަވަހީގެ ހަތް ރަށް ރާއްޖޭގެ ރަށްތަކުގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ. އިނގިރޭސިން ޗާގޯސްގެ ރަށްތަކަށް ވެރިވެގަތީ 1965 ގައި މޮރިޝަސް އެ ޤައުމުގެ އިސްތިޢުމާރުގެ ދަށުގައި އޮތްއިރުއެވެ. ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް 2036 ގެ ނިޔަލަށް ޤާއިމުކުރުމަށް ކުއްޔަށް ދީފައިވެއެވެ.
2019 ގައި މޮރިޝަސްއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދަޢުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި، ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގާފައިވެއެވެ. އ.ދ.އިންވެސް މިކަމަށް ތާއީދުކޮށްފައިވެއެވެ. އިޓްލޮސްއިން ވެސް ވަނީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ ނިންމުން ދަމަހައްޓައި، މޮރިޝަސްއާއި ރާއްޖެއާ ދެމެދު ފުށުއަރާ 95,000 އަކަކިލޯމީޓަރުގެ ސަރަޙައްދު ބައިކޮށްފައެވެ.
މިހާރުގެ ސަރުކާރުން އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރުމަށް ވަޢުދުވެފައިވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދިއުމަށް ކޮމިޓީއެއް އެކުލަވާލާފައިވެއެވެ. މި ކޮމިޓީގެ އިސްވެރިޔަކީ ކުރީގެ ބަންޑާރަ ނައިބު މުޙައްމަދު އަނިލެވެ.