ބްރޯޑްކާސްޓަރުންގެ އަމާޒަކަށް ވާންވާނީ ގައުމުގެ ހައްގުގައި ވަކަލާތުކުރުން: ރައީސް

ބްރޯޑްކާސްޓަރުންގެ އަމާޒަކަށް ވާންވާނީ ގައުމުގެ ހައްގުގައި ވަކަލާތުކުރުން: ރައީސް

Author
ހުސައިން
04 އޮކްޓޯބަރ 2024 12:07
0

ބްރޯޑްކާސްޓަރުންގެ އަމާޒަކަށް ވާންވާނީ ގައުމުގެ ހައްގުގައި ވަކަލާތުކުރުން ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހާ ގުޅިގެން އާންމު ކުރެއްވި މެސެޖެއްގައެވެ.

އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި ބްރޯޑްކާސްޓް ކުރުމަކީ އަމާނާތެއް އަދި މަސްއޫލިއްޔަތެކެވެ. އަދި މި ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންޖެހޭނީ ރާއްޖެއާއި ގައުމުގެ ހައްގުގައި ވަކާލާތު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު 3 ވަނަ ދުވަހަކީ ރާއްޖޭގެ ބްރޯޑްކާސްޓް ދުވަހެވެ. މި ދުވަހާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކި ހަރަކާތްތައް ރާވައެވެ. މިގޮތުން މީޑިއާތަކަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތެއް ވެސް ހިމެނެއެވެ.

މިއަހަރަކީ ދިވެހިރާއްޖޭގައި ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރާތާ 62 އަހަރު ފުރޭ އަހަރެވެ. މި ދުވަސް ފާހަގަކުރަން ފެށީ ރާއްޖޭގައި ފުރަތަމަ ބްރޯޑްކާސްޓިންގ ފެށުނު އަހަރާ ގުޅުވައިގެންނެވެ. 1962 ވަނަ އަހަރު ރާއްޖޭގައި ރަސްމީކޮށް ފުރަތަމަ ބްރޯޑްކާސްޓް ކުރަން ފެށީ ރޭޑިއޯ ޚިދުމަތެވެ. އޭގެ 16 އަހަރު ފަހުން، 1978 ވަނަ އަހަރު، ޓެލެވިޜަންގެ ޚިދުމަތް ވެސް ވަނީ ތަޢާރަފުކޮށްފައެވެ.

މި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްގީއާއި ކުރިއެރުން ފާހަގަކޮށް، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރެވެއެވެ. އަދި ހަމައެއާއެކު، ބްރޯޑްކާސްޓަރުންގެ ޒިންމާދާރުކަމާއި، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމުގައި އެމީހުންގެ ދައުރުގެ މުހިންމުކަން ވެސް ހަނދާންކޮށްދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.