އަޅުގަނޑު މިހިރީ ސާބިތުކަމާއިއެކު، އަޒުމަކަށް ކުޑަވެސް ބަދަލެއް ނާދޭ: ރައީސް ޔާމީން

އަޅުގަނޑު މިހިރީ ސާބިތުކަމާއިއެކު، އަޒުމަކަށް ކުޑަވެސް ބަދަލެއް ނާދޭ: ރައީސް ޔާމީން

Author
މުޙައްމަދު ޝަޒައިމް
26 ޑިސެމްބަރ 2020 10:26
0

ހުރަގޭގައި އަހަރަކަށްވުރެ ގިނަ ދުވަސް ނުހައްގުން ބާއްވައި އަނިޔާ ދިންނަމަވެސް ރައްޔިތުންގެ ހައްގުގައި ހުންނެވީ ވަރަށް ސާބިރު ކަމާއިއެކުގަިއ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކާއިކު ބާއްވާ ޖަލްސާގައި ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ނުހައްގުން ހުރަގޭގައި ހުންނަތާ އެއް އަހަރު ވީދުވަހު އެމަނިކުފާނާއި ބައްދަލު ކޮށްލުމުގެ ފުރުސަތެއް ލިބުނު ކަމަށެވެ. ބައްދަލުވުމުގައި ރައީސް ޔާމީންގެ ފުރަތަމަ ސުވާލަކަށްވީވެސް ޤައުމަށް ވަމުންދާ ގޮތާއި، ޤައުމުގެ ހާލަތާއި ގުޅޭގޮތުންކަމަށެވެ. އެމަނިކުފާނު ހުރަގޭގައި އޮންނަވައިގެން ވިސްނަނީ ރައްޔިތުން އުޅެމުންދާ ދަތި ހާލާއި، ރައްޔިތުންނާއިމެދު ސަރުކާތުން ވަމުންދާ ނޭއްގާނީ ކަންތައްތަކާއި މެދުގައިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ފުރަތަމަ ސުވާލަކީވެސް ޤައުމަށްވަނީ ކިހިނެތްތޯ؟ އަޅުގަނޑު ދެންނެވިން ރައީސޭ މިސަރުކާރުގެ އަނިޔާވެރިކަމުގައި މި ހުރަގޭގައި މަނިކުފާނު އޮންނަވާތާ އަހަރެއްވީއޭ. އަޅުގަނޑުމެންގެ އެދުމަކީ ބޭސްފަރުވާއަކަށް ނަމަވެސް ބޭރަށް ދެވޭނެ ގޮތެއްވުމޭ. އެވަރަށް ދެނެންވުމާއިއެކު އަޅުގަނޑު ހުއްޓުވައި ވިދާޅުވީ ތިމަން މަނިކުފާނު މިފަސްގަނޑު ދޫކޮށް ނުދާނަމޭ. ތިމަން މަނިކުފާނު މިހިރީ ވަރަށް ސާބިތު ކަމާއިއެކުގައިކަމަށް. އަދި ރައްޔިތުންގެ ހައްގުގައި ކިތަންމެ ދުވަހު ހުރަގޭގައި އޮންނަން ޖެހުނަސް ހިތްވަރަށް ކުޑަވެސް ބަދަލެއް ނާންނެކަމަށް ވިދާޅުވި.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ މިޖަލްސާގައި ވަރަށް ފޯރީގައި ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގުން ތާއަބަދަކު އަނިޔާ ނުދެވޭނެކަމަށެވެ. މިސަރުކާރުން ޖެހިލުންވަނީ އެމަނިކުފާނު މިފަސްގަނޑުގައި ސަލާމަތުން ހުރެއްޖެނަމަ ރައްޔިތުންނަށް މިސަރުކާރުންކުރާ ނޭއްގާނީ ހުރިހާ ކަމެއް ހާމަކޮށް ފަލީހަތް ކޮށްލާނެކަން ކަށަވަރުވާތީކަމަށެވެ. އަދި މިއަދު ޤާނޫނާއި ޚިލާފަށް ހިންގަމުންދާ އަމަލުތަކާއި، ކުރަމުންދާ ވައްކަމާއި، އިސްލާމްދީނާއި ޚިލާފަށް ކުރާ ކަންކަމަށް ޖާގަ ނުދެއްވާނެކަމަށް އެގޭތީކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މިސަރުކާރުން ވީއެއްވެސް ވައުދެއް ނުފުއްދި ހުރިހާ ސިނާއަތަކުން ފެންނަނީ މުޒާހަރާ ކުރަމުންދާތަން ކަމަށެވެ. މަސްވެރިންނާއި، ދަނޑުވެރިންނާއި، ރިސޯޓްތަކުގެ މުވައްޒިފުންނާއި، އެނޫންވެސް ހުރިހާ ދާއިރާއެއްގެ ބޭފުޅުން ހައްގުހޯދަން އަޑު އުފުލަމުންދާ މަންޒަރުނޫން މަންޒަރެއް މިއަދު މިފަސްގަނޑުން ނުފެންނަކަމަށެވެ.

ރައީސް ޔާމީން ރައްޔިތުންގެ ބޯހިޔާވަހިކަމަށް އަޅުއްވައިދެއްވި ފްލެޓްތައް ވެސް މިސަރުކާރުން ރައްޔިތުންނަށްނުދީ ވަރަށްބޮޑަށް އޮޅުވާލަމުންދަކަމަށެވެ. މިކަންކަމަކީ މިއަދު ދިވެހި ރައްޔިތުން ނިކަން ކައިރިން ބަލައި، ކުރިއަށް އޮތް އިންތިޚާބުގައި މިސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނާނެ ކަންތައްތަކެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.