އެމްޑީޕީގެ މާލީ މިނިވަންކަން ހޯދުމަށް އަދި ޕާޓީ އިތުރަށް ހަރުދަނާކުރުމަށް އާމަގުތަކެއް ތަނަވަސްވަސް ކުރުމަށް ވިސްނަމުންދާކަން އެމްޑީޕީން ހާމަކޮށްފިއެވެ.
މިގޮތުން، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަނުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އަދި މި މަގުން ޕާޓީގެ މާލީ ތަނަވަސްކަން އިތުރުކުރުމަށް މަސައްކަތްކުރާނެކަމަށް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އެކެޑަމީއެއް ހިންގުމަށްވެސް އެމްޑީޕީން ވަނީ ނިންމާފައެވެ. މި އެކެޑަމީ މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ތަމްރީނު ދިނުމަށް އަމާޒުކުރެވިފައިވާކަން ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، މިފަދަ މުއައްސަސާއެއް ރަޖިސްޓަރީކުރުމުގައި ހުރި ގާނޫނީ ގޮންޖެހުންތައް ދެނެގަތުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެމްޑީޕީގެ ސިޔާސަތުތައް އެކުލަވާލުމުގައި އިލްމީ ދިރާސާތަކުގެ އެހީ ހޯދުމަށާއި، ޕާޓީގެ ލީޑަޝިޕަށް މަޝްވަރާ ދިނުމަށް "ތިންކް ޓޭންކް" އެއް އުފެއްދުމަށްވެސް ނިންމާފައިވާކަމަށް ފައްޔާޒު ހާމަކުރެއްވިއެވެ.
މި ހުރިހާ މަސައްކަތަކީވެސް އެމްޑީޕީ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، ޕާޓީގެ އޮނިގަނޑާއި ހިންގާ ގަވާއިދަށް ގެންނަން ބޭނުންވާ އިސްލާހުތަކުގެ ބައެއްކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ