ބޭރު ފައިސާއާ ގުޅުންހުރި ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކުގެ ހެޔޮ އަސަރު ފެންނަން ފަށާނީ މާލީ ސިޔާސަތުތައް ވެސް ބަދަލުކޮށް، ސަރުކާރުން ރާވާފައިވާ ކަންތައްތައް ތަންފީޒުކުރަން ފެށުމުން ކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މަރުކަޒީ ބޭންކުން އިއްޔެ ބޭރު ފައިސާއާ ގުޅުންހުރި ދެ ގަވާއިދެއް އެކުލަވާލާފައިވާއިރު، މި ގަވާއިދުތައް އެކުލަވާލާފައިވަނީ ރާއްޖޭގައި ބޭރު ފައިސާ ދައުރުވުން ހަރުދަނާކޮށް، ބޭރު ފައިސާއަށް އޮތް ދަތިތަކަށް ހައްލު ގެނައުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރެއިންނެވެ.
ޕީއެސްއެމް ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން 8 ބިލިއަނެއްހާ ރުފިޔާ ޗާޕުކުރިއިރު، ބޭންކިންގ ސިސްޓަމުގެ ތެރޭގައި ޑޮލަރަށް ވުރެ އިތުރަށް 5-6 ބިލިއަން ރުފިޔާ ދައުރުވަމުންދެއެވެ. މި އަހަރުގެ ނޮވެމްބަރުގައި މަނިޓަރީ ޕޮލިސީ އެކްޓިވްކޮށް، އިތުރަށް ހުރި ދިވެހި ރުފިޔާ މަދުކުރުމަށް އޯޕަން މާކެޓު އޮޕަރޭޝަނެއް ފެށުމަށް ވަނީ ރޭވިފައެވެ.
އިތުރަށް ގަވަރުނަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ ތެރެއިން 25 އިންސައްތަ އެކަނި ރާއްޖޭގެ ބޭންކުތަކަށް ވަންނައިރު، 75 އިންސައްތަ މާރުކުރަނީ އެހެން ގޮތްގޮތަށެވެ. މި މައްސަލަ ހައްލުކުރުމަށް، ހަމައެކަނި މަނިޓަރީ ޕޮލިސީއާއި ފޮރިން އެކްސްޗޭންޖަށް ގެނެވޭ ބަދަލުތަކުން ފުރިހަމަ ހައްލެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގަވަރުނަރު މުނައްވަރު އިތުރަށް ވިދާޅުވީ، ފިސްކަލް ސިޔާސަތުތަކަށް ސަރުކާރުން ރާވާފައިވާ ބަދަލުތައް ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ. މީގެ ތެރޭގައި ސަބްސިޑީ ޓާގެޓް ކުރުމާއި، އާސަންދަ ރިފޯމާއި، ސަރުކާރު ކުންފުނިތަކަށް ގެނެވޭ ރިފޯމާއި، ސަރުކާރުގެ ޚަރަދު ލިބޭ އާމްދަނީއާ އެއްވަރަށް ހިފެހެއްޓުމާއި، އަދި ދަރަނި ސަސްޓެއިނަބަލްކޮށް ހިފެހެއްޓުން ހިމެނެއެވެ. މި ހުރިހާ ކަމެއް އެކުގައި ކުރެވިގެން މައްސަލަ ޖުމްލަކޮށް ހައްލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގަވަރުނަރުގެ އުއްމީދަކީ މަނިޓަރީ ޕޮލިސީއާއި ފިސްކަލް ޕޮލިސީ ވަރަށް ބޮޑަށް ކޯޑިނޭޓު ކުރެވިގެން މައްސަލަތައް ހައްލުވެގެން ދިއުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.