ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް މިހާރު 24 ގަޑިއިރަށް ފުޅާކޮށްފިއެވެ.
މި ބަދަލު ތަންފީޛުކުރަން ފަށާފައިވަނީ ރޭ މެދުރޭ 12 ޖަހާއިރުއެވެ. މި ބަދަލަކީ ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އައި ބަދަލެކެވެ.
މީގެ ކުރިން، މިއަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު ސްޓެލްކޯއިން ވަނީ 1545 ނަންބަރުގެ ހޮޓްލައިނެއް ތަޢާރަފުކޮށްފައެވެ. މި ހޮޓްލައިން މެދުވެރިކޮށް ކަސްޓަމަރުންނަށް ސްޓެލްކޯގެ އެންމެހައި ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހޯދުމާއި، ކަރަންޓު ބިލްތަކާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.
އިތުރު ފަސޭހަތަކެއްގެ ގޮތުގައި، ސްޓެލްކޯއިން ވަނީ ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށްވެސް ކޮންޓެކްޓް ސެންޓަރާ މުޢާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. މިއީ ސްޓެލްކޯ ކެއަރގެ ޚިދުމަތާއެކު ގެނެވުނު އިތުރު ކުރިއެރުމެކެވެ.
ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ފުޅާކުރުމާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، މިއީ ސްޓެލްކޯގެ ޚިދުމަތްތައް ޒަމާނީކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ އިތުރު ފިޔަވަޅެއް ކަމަށެވެ.
އަދި މި ބަދަލާއެކު ރައްޔިތުންގެ އިތުބާރު އިތުރުވެ، ކުންފުނިން ދޭ ޚިދުމަތްތައް އިތުރަށް ކުރިއަރައިގެންދާނެ ކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ