ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް މިއަދު 250 ބައިވެރިންނާއެކު މާލޭ ސީއެޗްއެސްސީގައި ފެށިއްޖެއެވެ. މި ކޮންފަރެންސް ކުރިއަށްދާނީ މިއަދާއި މާދަމާއެވެ. މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ "އެޑިއުކޭޓް އެމްޕަވާ އެލިވޭޓް އިކުއިޓެބަލް އެޑިއުކޭޝަން ފޯ ޓުވެންޓީ ފަސްޓް ސެންޗުއަރީ އެކްސެލެންސް" އެވެ. ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި މިއަހަރުގެ ކޮންފަރެންސްގައި 60 ރިސާޗް ކަރުދާހާއި ހަތަރު ކޭސް ސްޓަޑީ ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ދެ ކީނޯޓް އަދި ދެ ޕެނަލް ޑިސްކަޝަން ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ޙައްލުކުރެވިދާނެ ގޮތްތައް ދެނެގަތުމާއި، ކިޔަވައިދިނުން އިތުރަށް ހަރުދަނާކުރުމަށް ޚިޔާލު ބަދަލުކުރުން ހިމެނެއެވެ. އަދި ބޭރު ޤައުމުތަކުގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ރާއްޖެ ތަޢާރަފުކޮށްދީ، "އެކަޑެމިކް ޓުއަރިޒަމް" ކުރިއެރުވުމަކީވެސް މި ކޮންފަރެންސްގެ އަމާޒެކެވެ.
ޓީޗާސް ކޮންފަރެންސަކީ 2012 ވަނަ އަހަރު ފެށި، ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވާ ޕްރޮގްރާމެކެވެ. މި ކޮންފަރެންސްގެ މަޤްޞަދަކީ ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް، ދިމާވާ މައްސަލަތައް ދެނެގަނެ އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ. އެންމެ ފަހުން މި ކޮންފަރެންސް ބޭއްވުނީ 2022 ވަނަ އަހަރު ހދ. ކުޅުދުއްފުށީގައެވެ. މިފަހަރުގެ ކޮންފަރެންސްގައި 250 ޓީޗަރުން ބައިވެރިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ