މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ހުދު ސަމާލެއް ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ހދ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް، މިއަދު ހެނދުނު 9:00 އިން ހަވީރު 15:00 އާ ހަމައަށެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެފައިވެއެވެ.
މިއަދުގެ ހަވީރު 18:00 އާ ހަމައަށް މެޓުން މޫސުން ލަފާކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5-15 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވެދާނެ ކަމަށްވެސް އިންޒާރު ދީފައިވެއެވެ.
ކަނޑުތައް އާންމު ގޮތެއްގައި މަޑުޖެހިފައި ހުންނާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ވިލާގަނޑުގައި އާދައިގެ ވަރަށް ގަދަވާނެ ކަމަށް މެޓުން ބުނެފައިވެއެވެ. ރާޅުގެ އުސްމިން 2-5 ފޫޓުގައި ހުންނާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. މި ދުވަސްވަރު ދަތުރުފަތުރު ކުރާއިރު ސަމާލުކަން ބެހެއްޓުމަށް މެޓުން އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.