އިމިގްރޭޝަންއިން ކުރިޔަށް ގެންދާ އޮޕަރޭޝަނުގައި 314 ތަނެއް ބަލާފާސްކޮށް 769 ބިދޭސީންނާ ސުވާލުކޮށްފި

އިމިގްރޭޝަންއިން ކުރިޔަށް ގެންދާ އޮޕަރޭޝަނުގައި 314 ތަނެއް ބަލާފާސްކޮށް 769 ބިދޭސީންނާ ސުވާލުކޮށްފި

Author
ހުސައިން
30 ސެޕްޓެމްބަރ 2024 12:10
0

ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި 314 ތަނެއް ބަލާފާސްކޮށް 769 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަންގެ 200 އަށްވުރެން ގިނަ އޮފިސަރުން ބައިވެރިވި މި އޮޕަރޭޝަނުގައި ސުވާލުކުރެވުނު ބިދޭސީންގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައެވެ.

އަދި ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް ވަނީ އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސްދީފައެވެ. އަދި ޤަވާއިދާ ޚިލާފަށް އެމީހުން ލައްވާ މަސައްކަތްކުރުވާ 92 ދިވެހިން (ވަޒީފާ ދޭ ފަރާތްތަކަށް) ވަނީ ލިޔުމުން ނަސޭހަތްދީފައެވެ. އަދި ދެވުނު ނޯޓިސްއާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ މި ފަރާތްތަކާއި މެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި މިފަދަ އިންސްޕެކްޝަންތައް ސިލްސިލާކޮށް ކުރިއަށް ގެންގޮސް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށް، އެމީހުންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

އިއްޔެ ކުރިއަށްދިޔަ މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރުތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށެވެ.

ޝަމްޢާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދެވޭ މަސައްކަތުން ވަރަށް ރަނގަޅު ނަތީޖާއެއް ފެންނަމުންދާ ކަމަށާއި އެގޮތުން މާލޭގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުން ޤަވާއިދުގެ ތެރެއަށް ވަނުމަށް ނޯޓިސްދިން މީހުންގެ 95 އިންސައްތަ މީހުން އެ އޮފީހަށް ހާޒިރުވި ކަމަށެވެ.

ޝައްމާން ވަނީ އެ މީހުންގެ ތެރެއިން ލިޔެކިޔުންތައް ރަނގަޅުކުރުމާއި ވިސާ ރަނގަޅު ކުރުމަށް ބޭނުންވި މީހުންގެ ވިސާ ރަނގަޅުކޮށްދީފައިވާނެ ކަމަށާއި މި ކުރެވޭ މަސައްކަތުން ބިދޭސީން ގެންގުޅޭ ފަރާތްްތަކާއި އަދި ބިދޭސީ މަސައްކަތްތެރިންވެސް ޤަވާއިދުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަމުންދާކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.