ހާޝިމް މަރާއި ގުޅިގެން އާއިލާއިން ހުށަހެޅި ކަންބޮޑުވުންތައް ފުލުހުން ބަލަނި

ހާޝިމް މަރާއި ގުޅިގެން އާއިލާއިން ހުށަހެޅި ކަންބޮޑުވުންތައް ފުލުހުން ބަލަނި

Author
ހުސައިން
29 ސެޕްޓެމްބަރ 2024 08:56
0

2022 ވަނަ އަހަރުގެ ޖެނުއަރީ 2 ވަނަ ދުވަހު މާލޭގެ ގެއެއްގައި މަރުވެފައި ފެނުނު ވިޔަފާރިވެރި ހއ. ހޯރަފުށީ ހާޝިމް މުޙައްމަދުގެ މަރުގެ މައްސަލައާ ގުޅިގެން، އާއިލާއިން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ބަލަން ފުލުހުން ފަށައިފިއެވެ.

ހާޝިމް މަރުވެފައި ފެނުނުއިރު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމާއެކު، ފުލުހުން ވަނީ މައްސަލަ ތަޙުޤީޤުކޮށްފައެވެ. ނަމަވެސް، އެ ތަޙުޤީޤަށްފަހު އިތުރު ފަރާތެއްގެ ބައިވެރިވުން އޮތްކަމަށް ނުފެންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ އަލުން ސަމާލުކަމަށް އައިސްފައިވަނީ ހާޝިމްގެ ވިޔަފާރިއާ ގުޅޭ ލިޔުންތައް ފޯޖުކޮށް، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލްޖަލީލް އިސްމާއިލްގެ ނަމަށް ބަދަލުކޮށްފައިވާކަމަށް އާއިލާއިން ތުހުމަތުކުރާތީއެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ އަބްދުލްޖަލީލް އިސްމާއިލާ ގުޅޭ ފޯޖަރީގެ މައްސަލައެއް ތަޙުޤީޤުކުރަން ފަށައިފައެވެ.

ހާޝިމްގެ މަރުގެ މައްސަލައާ ގުޅިގެން، އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ތަޙްލީލުކުރުމަށްފަހު އާއިލާއާ ޙަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އިތުރު އެއްވެސް އިލެކްޓްރޯނިކް އާލާތެއް މި މައްސަލައިގެ ތަޙުޤީޤަށް ގެނެސްފައިނުވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން، ހާޝިމްގެ އާއިލާއާއި ޖަލީލުއާ ދެމެދު މިދިޔަ ހޯމަ ދުވަހު މާލޭގައި ހިންގާ ފިހާރައެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ މައްސަލަވެސް ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ. ފުލުހުން ވަނީ މުދަލާއި ގެދޮރުގެ މައްސަލަތައް ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ދެފަރާތަށްވެސް އިރުޝާދު ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.