ރާއްޖޭގައި ހޮޓެލް ސްކޫލެއް ތަރައްގީ ކުރުމަށްޓަކައި ނިއު ޒިލޭންޑުގެ ސްކޫލުތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ. މިއީ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މި ހޮޓެލް ސްކޫލް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި މަޝްރޫޢާ ގުޅޭގޮތުން ސްވިޒަރލޭންޑުގެ ހޮޓެލް ސްކޫލަކާވެސް މަޝްވަރާކުރެވިފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކީ މި ސްކޫލް ވަކި ރަށެއްގައި ތަރައްގީކޮށް، އެތަނުގައި ޓޫރިޒަމްގެ ހަރަކާތްތައްވެސް ހިންގުމެވެ.
މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ މެނޭޖީރިއަލް މަގާމުތަކުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ދިވެހިންގެ ވަޒީފާގެ ޔަގީންކަމާއި ހައްޤުތައް ކަށަވަރުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޓޫރިޒަމް ދުވަހާ ގުޅިގެން ދެއްވި މެސެޖުގައި، މިނިސްޓަރު އިތުރަށް ފާހަގަކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ބޭނުންތައް ދެނެގަނެ، މި ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމެވެ. މި ހުރިހާ މަސައްކަތްތަކަކީވެސް ޓޫރިޒަމްގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކެކެވެ.
ކޮމެންޓު ފޮނުވާ