މިހާރު ކުރިޔަށްދާ ޔޫއެން ޖެނެރަލް އެސެމްބްލީގެ 79 ވަނަ ޖަލްސާގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ތަގުރީރު ކުރައްވަން ފެއްޓެވުމާއެކު، ހޯލު ދޫކޮށް ނުކުތް ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނިއްޖެއެވެ.
މިއަދު ޔޫއެންޖީއޭގެ ސެޝަންގައި ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާއެކު ދުނިޔޭގެ އިސްލާމީ ގިނަ ގައުމުތަކުން ކަހަލަ ގޮތަކަށް ވަނީ ހޯލު ދޫކޮށް ގޮސްފައެވެ. އަދި ނަތަންޔާހޫ ވާހަކަ ދައްކާފައިވަނީ މުޅިންހެންކަހަލަ ގޮތަކަށް ހުސްކޮށް އޮތް ހޯލެއްގައެވެ.
ނަތަންޔާހޫގެ ތަގުރީރުގައި އޭނާވަނީ އީރާނަށް އިންޒާރުދީ، ހަމާސް ޖަމާއަތާއި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާ ނުލާނެކަމަށް ވިދާޅުވެފައެވެ. އަދި ނަތަންޔާހޫ ވިދާޅުވި ގޮތުގައި ހިޒުބުﷲ ޖަމާއަތާ ދެކޮޅަށް ހަމަލާ ދިނުމުގެ ހުރިހާވެސް ހަައްގެއް އިސްރާއީލަށް ލިބިގެން ވެއެވެ.
ފާއިތުވި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ވަނީ 700 އަށްވުރެ ގިނަ މީހުން މަރުވެފައެވެ. އަދި ފަލަސްތީނުގެ ޢައްޒާއަށް އަރާ އިސްރާއީލުން ކުރަމުންދާ ހަނގުރާމާގައި މިހާތަނަށް ފަލަސްތީނުގެ 42،000 އަށްވުރެ ގިނަމީހުން ވަނީ ޝަހީދު ވެގެން ގޮސްފައެވެ.
ނަތަންޔާހޫގެ ޔޫއެންޖީއޭގެ ތަގުރީރު ފެށުމާއެކު ދުނިޔޭގެ ގިނަ ގައުމުތަކުން ހޯލު ދޫކޮށް ގޮސްފައިވަނީ، އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުތަކާއި ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ.
ކޮމެންޓު ފޮނުވާ