އިސްލާމްދީނުގެ އެއްބައިވަންތަކަން ނަޤާލަން ދައުލަތުގެ ވެރިންދަނީ މަސައްކަތް ކުރަމުން

އިސްލާމްދީނުގެ އެއްބައިވަންތަކަން ނަޤާލަން ދައުލަތުގެ ވެރިންދަނީ މަސައްކަތް ކުރަމުން

Author
މުޙައްމަދު ޝަޒައިމް
26 ޑިސެމްބަރ 2020 02:37
0

ރާއްޖޭގެ އިސްލާމީ ވަހުދަތުގައާއި އެއްބައިވަންތަ ކަމުގެ އެންމެ މުހިންމު އަސާސްކަމުގައިވާ ދީނީ އެއްބައިވަންތަކަން ނަގާލުމަށް ދައުލަތުގެ ވެރިން މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅު ކޯލިޝަންގެ ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ޤައުމުގައި މީގެ ކުރިން ފެނިގެންދިޔަ އެއްބައިވަންތަކާއި އެކުވެރިކަން ގެއްލި، ރާއްޖޭގައި އޮތް އިސްލާމީ އަހުވަންތަކަން ނައްތާލުމަށް ދައުލަތުގެ ވެރިކަން މަސައްކަތް ކުރަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ. އިސްލާމްދީނުގެ އަޤީދާއާއި، ދީނީ އެއްބައިވަންތަކަމާއި، ދީނީ ހަމަޖެހުން ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތް ނުކޮށް، ފަސްޖެހެމުންދާތަން މިއަދު ފެންނަމުންދާކަމަށެވެ.

މީގެ ސޯޅަ އަހަރު ކުރިން ރާއްޖެއިން ފެނިގެންދިޔަ ދީނީ އެއްބައިވަންތަ ކަން ގެއްލި ރައްޔިތުންގެ ތެރޭގައި އޮތް ހަމަޖެހުންވެސް ނެތިގެންދަނީ ދައުލަތުގެ ވެރިކަންގެ އަމަލުތައް ހުރިގޮތުންކަމަށް ޝިޔާމް ވިދާޅުވިއެވެ. ޤައުމުގެ އެއްބައިވަންތަކަން އިސްކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ އިސްލާމީ އެއްބައިވަންކަމަށްވާއިރު، މިއަދު ފެނިގެންދަނީ އިސްލާމީ އެއްބައިވަންތަކަން ވިއްސި ވިހާލިވެ ދައުލަތުގެ ވެރިން ދީނާއި ޚިލާފު ކަންކަމަށް ހިތްވަރުދޭ މަންޒަރުކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ދަނީ އިސްލާމްދީނާއި ޚިލާފަށް ސަރުކާރުން ގިނަ ކަންކަމަށް ހިތްވަރުދޭތީ އެކަންކަން ހުއްޓާލުމަށް ގޮވާލަމުންނެވެ. އެގޮތުން އިސްލާމްދީނާއި ޚިލާފަށް ލިޔުންތައްލިޔެ ދީނާއި ދެކޮޅަށް ކަންކަމަށް ހިތްވަރުދޭ އެމްޑީއެންއާއިމެދު ފިޔަވަޅު އެޅުމަށާއި، އިސްލާމްދީނާއި ދެކޮޅަށް މަސައްކަތް ކުރާމީހުން ހައްޔަރުކުރުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.