އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް މިރޭ ކަނޑު ގަދަވާނެކަމަށް ލަފާކޮށް، ކަނޑު ދަތުރުކުރާ ފަރާތްތަކަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާ (މެޓް) އިން އެދެފިއެވެ. މާދަމާ ހެނދުނު 6:00 އާ ހަމައަށް އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓުން ބުނެފައިވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ އަންގާފައެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.
މީގެއިތުރުން، އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އެންމެ ބޯކޮށް ވާރޭވެހުނު ރަށްތަކުގެ މަޢުލޫމާތު މެޓުން ހާމަކޮށްފައިވެއެވެ. އެގޮތުން އެންމެ ބޯކޮށް ވާރޭވެހުނީ ވ. ރަކީދުއަށް ކަމަށާއި، އެރަށަށް 34.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ބުނެފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ 33.3 މިލިމީޓަރާއެކު ހުޅުލެއަށް ކަމަށާއި، ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ 19 މިލިމީޓަރާއެކު ރ. އަލިފުށްޓަށް ކަމަށް މެޓުގެ ހިސާބުތަކުން ދައްކައެވެ.