މިދިޔަ ހޮނިހިރު ދުވަހު، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާމުންގެ މަހާސިންތާއެއް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި މަހާސިންތާ ރަސްމީކޮށް ފައްޓަވައިދެއްވިއެވެ.
މި މަހާސިންތާގައި 500 އަށްވުރެ ގިނަ އިމާމުން ބައިވެރިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. އޭގެ ތެރޭގައި މި ސަރުކާރުން ފަށާފައިވާ ޒުވާން ޚަތީބުންގެ ޕްރޮގްރާމް ނިންމާފައިވާ ދަރިވަރުންވެސް ހިމެނެއެވެ. މީގެ ތެރެއިން 300 އިމާމުން ބައިވެރިވަނީ އޮންލައިންކޮށެވެ.
މަހާސިންތާގައި މަޝްވަރާކުރެވޭ މައުޟޫޢުތަކުގެ ތެރޭގައި ހިމެނެނީ:
– ތަޖުވީދު
– ތަފްސީރު
– ފިޤުހު
– ޙަދީޘް
– ޢަޤީދާ
– ޢިލްމީ މަޢުލޫމާތު
– މިސްކިތްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތުތަކާއި އޭގައި ހުރި ގޮންޖެހުންތައް
– އިމާމުންގެ ޢިލްމީ ފެންވަރު މަތިކުރުން
މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ ވަރަށް މުހިންމު ފިޔަވަޅެއްކަމަށާއި، މަހާސިންތާގައި މަޝްވަރާކުރެވޭ ކަންކަން އަވަހަށް ތަންފީޛުކުރެވޭނެ ކަމަށެވެ. އަދި އޭނާ ކުރިން މިނިސްޓަރުކަމުގައި ހުންނެވިއިރު ފެށްޓެވި އިމާމުންގެ އާ އޮނިގަނޑުގެ މަސައްކަތް މިހާރު ހުއްޓިފައިވާކަމަށާއި، އެ އޮނިގަނޑުން އެދެވޭ ހައްލެއް ލިބިފައިނުވާކަމަށްވެސް ފާހަގަކުރެއްވިއެވެ.
"އިމާމުންގެ އޮނިގަނޑު އަދިވެސް އޮތީ ހަމަ އޮތްތަނުގައި. އެއަކުން އަދިވެސް އެއްވެސް ހައްލެއް ނުލިބޭ. އަޅުގަނޑުމެން މިނިސްޓްރީގައި ތިބިއިރު އެ އޮނިގަނޑުގެ މަސައްކަތް ފެށީވެސް. އެހެންވީމާ އެ އޮނިގަނޑު ނިންމުމަށް އަޅުގަނޑުމެންގެ ވަރަށް ބޮޑު ޝައުޤުވެރިކަމެއް އެބައޮތް،" ޝަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ