އައިޔޫއެމްއިން އާ ދެ ޕީއެޗްޑީ ކޯހެއް އިޢުލާންކޮށްފި

އައިޔޫއެމްއިން އާ ދެ ޕީއެޗްޑީ ކޯހެއް އިޢުލާންކޮށްފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)އިން މި އަހަރުގެ ދެވަނަ ސެމިސްޓާގައި ފެށުމަށް ހަމަޖެހިފައިވާ ދެ ޕީއެޗްޑީ ކޯހެއް އިޢުލާންކޮށްފިއެވެ.

މި ކޯސްތަކަކީ ޑޮކްޓާ އޮފް ފިލޯސޮފީ އިން ފިގްހު އެންޑް އުސޫލުލް ފިގްހު އަދި ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީއެވެ. މި ދެ ކޯހަކީވެސް ދިވެހިބަހުން ކުރިޔަށްގެންދާ، ތިން އަހަރުގެ މުއްދަތަށް ހިންގޭ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ލެވެލް 10ގެ ކޯސްތަކެކެވެ.

ކޯސްތަކަށް ކުރިމަތިލެވޭނީ އެމްކިޔުއޭ ގަބޫލުކުރާ ލެވަލް ނުވައެއްގެ ސެޓްފިކެޓެއް ޝަރީޢާ، އިސްލާމިކް ސްޓަޑީޒް، ޖުޑީޝަލް ސައިންސަސް، ފިޤުހު، އުސޫލުލް ފިޤުހު ނުވަތަ އުސޫލުލް ދީންގެ ދާއިރާއިން ޙާޞިލްކޮށްފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، ޝަހާދާ ޘާނަވިއްޔާގެ އަރަބި މާއްދާތަކުން ފާސްވެފައިވުން ނުވަތަ އެމްކިޔުއޭ ގަބޫލުކުރާ ލެވަލް ހަތަރެއްގެ ސަނަދެއް އަރަބި ބަހުގެ ދާއިރާއިން ޙާޞިލްކޮށްފައިވުން ނުވަތަ އައިޔޫއެމްއިން ދެވޭ އަރަބި ބަހުގެ އިމްތިޙާނަކުން ފާސްވުން ލާޒިމުވެއެވެ.

އިތުރުން، ކޯހަށް ކުރިމަތިލާ ފަރާތްތަކުން ދިރާސާކުރަން ގަސްދުކުރާ ދާއިރާއިން ކޮންސެޕްޓް ޕޭޕަރެއް ހުށަހަޅަންޖެހޭނެއެވެ. އަދި އައިޔޫއެމްއިން ދޭ އިންޓަވިއުއަކުން ފާސްވާންޖެހޭނެއެވެ. ކުރިން ޙާޞިލްކޮށްފައިވާ ސަނަދުތަކަކީ އަރަބި ބަހުން ކިޔަވާފައިވާ ސަނަދުތަކެއްނަމަ އަރަބި ބަހުން އެގްޒެމްޕްޝަން ދެވޭނެއެވެ.

ކޯހަށް އެދި ހުށަހަޅާ ފޯމުތައް މި މަހުގެ 26 ވަނަ ދުވަހުގެ 13:00ގެ ކުރިން އައިޔޫއެމްގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެދިފައިވެއެވެ. ފޯމު ޔުނިވާސިޓީގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމުވެސް ހަމަޖައްސާފައިވެއެވެ. މިގޮތުން، ވެބްސައިޓްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *