ކައުންސިލްތަކާ ގުޅިގެން މަސްވެރިން ދަފުތަރުކުރުމުގެ މަސައްކަތް ފުޅާކުރުމަށް މަޝްވަރާކޮށްފި

ކައުންސިލްތަކާ ގުޅިގެން މަސްވެރިން ދަފުތަރުކުރުމުގެ މަސައްކަތް ފުޅާކުރުމަށް މަޝްވަރާކޮށްފި

Author
ޙަސަން މުޙައްމަދު
10 ސެޕްޓެމްބަރ 2024 02:50
0

މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމަށް ރައީސް ޑރ. މުޢިއްޒު އެކަށަ އަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސްވެރިން ދަފުތަރުކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްޓަކައި ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މިއަދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރުއާއި ދެވުޒާރާގެ އިސްފަރާތްތަކެވެ.

މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް އަދި އެ ވުޒާރާގެ ޓީމުން މަސްވެރިން ދަފުތަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ އަދާހަމަ މައުލޫމާތު އެރުވިއެވެ. މި މަސައްކަތް ކުރިއަށްދަނީ ރާއްޖެ ޒޯނުތަކަކަށް ބަހާލައިގެން، ވުޒާރާގެ ޓީމުތަކާއި ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުތަކާ ގުޅިގެންނެވެ. މިހާތަނަށް ވަރަށް ގިނަ މަސްވެރިން ދަފުތަރުކުރެވިފައިވާ ކަމަށް ވެސް މަޢުލޫމާތު ދެއްވިއެވެ.

ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ދެ ވުޒާރާ ގުޅިގެން މަސައްކަތްކުރާނެ ޚާއްޞަ ޓީމެއް އެކުލަވާލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކައުންސިލްތަކާއެކު ބާއްވާ ބައްދަލުވުންތަކުގައި ދަފުތަރުގެ މަޢުލޫމާތު ހިއްސާކުރައްވާނެ ކަމަށާއި، އެ ވުޒާރާގެ ޓީމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ކައުންސިލްތަކުން މަސްވެރިން ދަފުތަރުކުރުމަށް ބޭނުންވާ އިތުރު އެހީތެރިކަމާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. މި މަސައްކަތަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ދެ ވަޒީރުން ވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.