އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 57 ވަނަ ސެޝަންގައި ރާއްޖެއިން ޖޮއިންޓް ސްޓޭޓްމަންޓެއް ދެނީ

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 57 ވަނަ ސެޝަންގައި ރާއްޖެއިން ޖޮއިންޓް ސްޓޭޓްމަންޓެއް ދެނީ

މާދަމާ ފެށޭ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 57 ވަނަ ސެޝަނުގައި، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ބޭއްވޭ ޑައިލޮގްގައި ކުދި ޖަޒީރާ ގައުމުތަކުގެ ގްރޫޕުގެ ފަރާތުން ރާއްޖެއިން ޖޮއިންޓް ސްޓޭޓްމަންޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދީފިއެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ މި ބައްދަލުވުމުގައި ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެޖެންޑާގެ ގިނަ އައިޓަމްތަކެއްގެ ދަށުން ރާއްޖޭގެ ވަފުދުން ތަގުރީރު ދޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން އިއްވާ ޖޮއިންޓް ސްޓޭޓްމަންޓަކީ އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ކުރިއަށް ގެންދާ އެނަލިޓިކަލް ސްޓަޑީއާ ގުޅޭ ގޮތުން އޮންނަ ޑައިލޮގްގައި އިއްވާ ސްޓޭޓްމަންޓެއް ކަމަށާއި، މި ސްޓޭޓްމަންޓްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނީ ހައްގުތައް ފުރިހަމައަށް ލިބިގަތުމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލާނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، މި އަހަރުގެ މާޗް މަހު ޑިމޮކްރެޓިކް އެންޑް އިކުއިޓަބަލް އިންޓަނޭޝަނަލް އޯޑައާ ބެހޭ އިންޑިޕެންޑެންޓް އެކްސްޕާޓް ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ރިޕޯޓެއްވެސް މި ސެޝަންގައި ހުށަހެޅޭނެ ކަމަށް ފޮރިން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ބައްދަލުވުމުގައި 30 އިންޓަރެކްޓިވް ޑައިލޮގް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، 50 ގައުމުގެ ހާލަތުތަކާއި 80 އަށް ވުރެ ގިނަ ތީމެޓިކް ރިޕޯޓްތައް މުރާޖާކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި ސެޝަންގައި މިޔަންމާގެ ސްޕެޝަލް ރެޕަޓުއަރއާއެކު ބޭއްވޭ އިންޓަރެކްޓިވް ޑައިލޮގްގައި ރާއްޖެއިން ތަގުރީރެއް ދޭނެ ކަމަށާއި، އަދި ފަލަސްތީނަށް ކުރިމަތިވަމުންދާ އިންސާނީ ކާރިސާއަށް އަލިއަޅުވާލާ އެޖެންޑާ އައިޓަމްތަކުގައިވެސް ރާއްޖެއިން ތަގުރީރު ދޭނެ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

މި ސެޝަނަކީ ދުނިޔޭގެ އިންސާނީ ހައްގުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް، ބައިނަލްއަގުވާމީ މުޖުތަމަޢުގެ އެއްބާރުލުމާއި މަޝްވަރާއަށް މުހިންމު މަންސައެއް ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *