އަދީބު ޔާމިނަށް: އަމިއްލައަށް މަޝްހޫރުވުމަށް އަޅުގަޑުގެ ނަން ބޭނުން ނުކުރުން އެދެން

އަދީބު ޔާމިނަށް: އަމިއްލައަށް މަޝްހޫރުވުމަށް އަޅުގަޑުގެ ނަން ބޭނުން ނުކުރުން އެދެން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިސް ޤާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު، ސިޔާސީ ގޮތުން މަޝްހޫރުވުމަށްޓަކައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ނަން ބޭނުންނުކުރުމަށް އޭނާ އެދިވަޑައިގެންފިއެވެ.

ޔާމީން އުފައްދަވާފައިވާ އައު ސިޔާސީ ޕާޓީ، ޕީއެންއެފްއިން ބާއްވާ ޖަގަހަ ޖަލްސާތަކުގައި ޖަމީލާއި އެ ޕާޓީގެ ލީޑަޝިޕްގެ އިސް ބޭފުޅުން އަންނަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އަދީބު ބައްދަލުކުރައްވާ ކަމަށް ތުހުމަތުތަކެއް ކުރަމުންނެވެ. އަދި ރައީސް ދާދިފަހުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ވެސް އަދީބާ ބައްދަލުކުރެއްވި ކަމަށް ތުހުމަތު ކުރެއެވެ. ރައީސް ޔާމީން ވެސް ވަނީ ރައީސް މުޢިއްޒު، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ނެންގެވިކަމަށާއި އަދީބާ ރައީސް މުޢިއްޒާ ދެބޭފުޅުންގެ މެދުގައި ގާތް ގުޅުމެއް އޮތްކަމަށް ވެސް ވިދާޅުވެފައެވެ.

ޕީއެންއެފުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދީބު މިއަދު ވިދާޅުވީ، 2015ވަނަ އަހަރު އޭނާ ހުރަގޭގައި އޮއްވާ، ރައީސް ޔާމީންގެ ވެރިކަން ވައްޓާލީ، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ކިޔާ ހަރަކާތެއް އުފައްދައިގެން ކަމަށެވެ. އަދި އެ ހަރަކާތުގެ އެޑްވައިޒަރަކަށް ހުރީ އަދީބު ކަމަށާއި، އެ ހަރަކާތުގެ ރައީސަކަށް ހުންނެވީ ޖަމީލު ނޫންތޯ އަދީބު ވަނީ ސުވާލު އުފައްދާފައެވެ. އެމްޔޫއޯ ހަރަކާތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރު އިދިކޮޅު ފަރާތްތަކުން އެކުލަވާލި ސިޔާސީ ހަރަކާތެކެވެ.

އަދީބު ވަނީ ރައީސް މުޢިއްޒާ އޭނާ ބައްދަލުކުރެއްވި ކަމަށް ބުނާ ބުނުން ވެސް ދޮގުކުރައްވާފައެވެ. އަދި ސިޔާސީގޮތުން ތިމާގެ ނަފްސު މަޝްހޫރު ކުރުވުމަށް އޭނާގެ ނަން ބޭނުން ނުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ރައީސް މުޢިއްޒާއި އަދީބާ ދެމެދު ގާތް ގުޅުމެއް އޮންނަކަމަށް ތުހުމަތުކޮށް ދެކެވޭ ވާހަކަތައް އެމަނިކުފާނު ވެސް ވަނީ ދޮގުކުރައްވާފައެވެ. އަދި އެމަނިކުފާނު މި ފަހުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވިއިރު، އަދީބާއި ބައްދަލުކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނާ އެންމެ އަރިސް ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ ވަޒީރުކަމުގަ އާއި ނައިބު ރައީސްކަމުގައި ހުންނެވިއިރު ވެސް އަދީބު އެންމެ ރުޅި އަންނަ އެއް ބޭފުޅަކަށް ރައީސް މުޢިއްޒު ވާނެކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ދެބޭފުޅުންގެ ދެމެދުގައި މާ ޚާއްސަ ގުޅުމެއް އެއް އިރަކު ވެސް ނެތްކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ހިންގިކަން ސާބިތު ވެފައިވާ އަދީބަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިދިޔަ ދައުރުގައި މަޢާފު ދެއްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *