ފަތުރުވެރިކަމަށް ތަރައްގީކުރުމަށް އަލަށް ދޫކުރާ 4 ރަށެއް އާދީއްތަ ދުވަހު އިއުލާން ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިފަހަރު އަލަށް އިއުލާން ކުރާ 4 ރަށަކީ ތަފާތު ހަތަރު އަތޮޅެއްގެ 4 ރަށް ކަމަށެވެ. ނަމަވެސް މި ރަށްތަކާއި އަތޮޅުތަކުގެ ތަފްސީލެއްވެސް މިނިސްޓްރީ ދީފައެއް ނުވެއެވެ. އެ ތަފްސީލްތަށް އާދީއްތަ ދުވަހު ހާމަ ކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ރިސޯޓު ތަރައްގީކުރުމަށް އަލަށް ރައްތަކެއް ދިނުމަށް ނިންމާފައި މިވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ މި ސިނާޢަތް އަޑިއަޅާލާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ރާއްޖޭގައި ތަރައްގީކުރަމުންދިޔަ ގިނަ ރައްތަކެއްގެ މަސައްކަތް ކޯވިޑްގެ ސަބަބުން މުޅިން ހުއްޓުމަކަށް އައިސްފައިވެއެވެ.
ރިސޯޓާއި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން ތަރައްގީކުރުމަށް އެންމެ ފަހުން އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މީހުން ދިރިއުޅޭ ބައެއް ރައްތަށްވެސް ހިމަނައިގެން، ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން ތަރައްގީކުރުމަށް އޭރު ވަނީ 30 ރަށެއް އިއުލާން ކޮށްފައެވެ. އެއީ މިއަހަރު މަސައްކަތް ފެށުމަށް އަމާޒުކޮށްގެން އިއުލާން ކުރި ތަންތަނެވެ. އަދި 13،500 އަށްވުރެ ގިނަ ޓޫރިސްޓް އެނދު ހިދުމަތަށް އަލަށް ނެރެވޭނެ ކަމަށްވެސް އޭރު ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހު ވަނީ ކެލާގައި ޓޫރިސްޓް ހޮޓަލެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތުވެސް ހުޅުވާލާފައެވެ.
ކޯވިޑް-19ގެ އަޑިގަނޑަށްފަހު މިހާރު ދުވަހެއް ދުވަހަކަށް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވަމުން ދިއުމާއެކު ހިދުމަތަށް އަލުން ހުޅުވާލާ ޓޫރިސްޓް އެނދުގެ އަދަދުވެސް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން މިހާރު އަލުން ހިދުމަތްދޭންފެށި 489 ޓޫރިސްޓް ފެސިލިޓީގައި ޖުމްލަ 40،185 ޓޫރިސްޓް އެނދު ވަނީ އޮޕަރޭޝަނަށް ނެރެފައެވެ.
ކޮމެންޓު ފޮނުވާ