ރުގުޔާގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގައި ތުހުމަތު ކުރެވޭ މައްސަލައިގައި ދެ މީހުންގެ މައްޗަށް ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް އިއްޔެ ފޮނުވައިފިއެވެ.
ފުލުހުން ބަލަމުންދާ މިމައްސަލައާއި ގުޅޭގޮތުން މީޑީޔާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކުރީ ރުގްޔާގެ ނަމުގައި ސިހުރުގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރާ 24 އަހަރުގެ ފިރިހެނަކާއި އަނބިމީހާ އާއި ދޮންދަރިންނަށް އަނިޔާވެރިވުމުގައި ހިތްވަރުދީ ބައިވެރިވި 39 އަހަރުގެ ފިރިހެނެއްކަމަށެވެ. މިދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރު ކޮށްފައިވާއިރު، އިއްޔެ މިދެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ ފުލުހުން ވަނީ ވިދާޅުވެފައެވެ.
ރުގްޔާގެނަމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވެސް ފެންމަތިވަމުންދާއިރު، ފުލުހުން ވިދާޅުވެފައިވަނީ ފަހަކަށް އައިސް ގިނަ ކުށްތަކަށް މީހުން އަރައިގަނެފައިވަނީ އެ ކުށް ކުރުމަކީ ދީނީ އަގީދާގެ ބައެއް ގޮތުގައި ދެކިގެނެވެ. އަދި ބައެއް އެހެން މީހުންނަށް ދީނީ އަގީދާގެ ބައެއް ގޮތުގައި ދައްކައިގެން ޖިންސީ ގޯނާ ކުރުމާއި ކުޑަކުދިންނާ ނުރުހުމުގައި ކައިވެނިކޮށް އުޅުމާއި ވެކްސިން ފަދަ ސިއްހީ ފަރުވާ ދިނުން ދެކޮޅު ހެދުން ފަދަ ކަންކަން ފާހަގަވެފައިވެއެވެ.
މިފަދަ ކުށްތަކަކީ ދީނީ ހަރުކަށި ފިކުރުގެ ކުށްތަކުގެ ގޮތުގައި ސިފަކުރެއެވެ. ހަރުކަށި ފިކުރުގެ ކުށްތަކުގެ އިތުރުން ދީނަށް ފުރައްސާރަ ކުރުމާއި ލާދީނީ ފިކުރު ފެތުރުމުގެ ކަންކަން ވެސް ދަނީ ފަހަކަށް އައިސް ފެންމަތިވަމުންނެވެ. މި ދެ ފިކުރުގެ ފެތުރުމާ މެދު އާންމުންގެ ކަންބޮޑުވުންތައް ވެސް އިންތިހާއަށް އެބަ އޮތެވެ.
ކޮމެންޓު ފޮނުވާ