ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވެއްޖެއެވެ.
ޕީއެންއެމްގެ ބައްދަލުވުމެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، މުހުތާޒް އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ކުރައްވައި ވިދާޅުވީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، މައްސަލައެއްގައި ދަޢުވާ ކުރުމާއި ނުކުރުން ބިނާވަނީ އެ މައްސަލައެއްގައި ލިބިފައި ހުންނަ ހެކީގެ މައްޗަށް ކަމަށެވެ. އަދި އެއީ ރައީސަކަށް ހުންނަވާ ބޭފުޅަކު އަންގަވާ އަދި ބޭނުންވީމާ ކުރެވޭ ގޮތެއްގެ މަތިން އޮންނަ ކަމެއް ނޫންކަމުގައި މުހުތާޒު ވިދާޅުވެފައި ވެއެވެ.
އިތުރަށް މުހުތާޒް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ހެކި ނެތި ދަޢުވާ ނުކުރެވޭނެ ކަމަށް އޭރު އޭނާ ރައީސް ޔާމީނަށް ދަންނަވާފައި ވެއެވެ.
މީގެ އިތުރުން މުހުތާޒް ފާހަގަކުރެއްވި ގޮތުގައި، މިހާރު ޔާމީންގެ އަރިހުގައި ތިއްބެވީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވުނު ފަރާތްތަކާއި، ކުރިން ޔާމީން ޖަލަށްލުމަށް ގޮވާލި ފަރާތްތަކެވެ.
"ނިޒާމު ނެގެހެއްޓުމުގެ ވާހަކަ ދައްކަން ޔާމީން ލަދުވެތިވާންޖެހޭނެ," މުހުތާޒް ވިދާޅުވިއެވެ. އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ޔާމީން ހިންގެވި ފަދަ "މުޑުދާރު މަގުން" ޤައުމު ހިންގަވާނެ ބޭފުޅެއް ނޫން ކަމަށްވެސް މުހުތާޒު ވިދާޅުވިއެވެ.