މާދަމާރޭ އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބާއްވާ ބޮޑު ޖަލްސާގެ ދައުވަތު ވަނީ ތަފާތު ގޮތަކަށް އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ މީހުންނަށް ފޮނުވާފައެވެ.
ކާނިވާ ސަރަހައްދުގައި ބާއްވާ މިޖަލްސާއަށް ދިވެހި ރައްޔިތުންނަށް ދައުވަތު ދީފައިވާއިރު، ޖަލްސާއަށް ވާނީ އެކިއެކި ދާއިރާތަކަށް ޚާއްސަކޮށްގެންވެސް ދައުވަތު ފޮނުވާފައެވެ. މިގޮތަށް ދައުވަތު ފޮނުވުމުގެ ބޭނުމަކީ މިވަގުތު ސަރުކާރުގެ އަމަލުތައް ހުރިގޮތުން އެކި ދާއިރާތަކުގެ މީހުންނަށް ލިބިފައިވާ ގެއްލުމާއި އަނިޔާތަކަށް ހައްގު ހޯދުމުގައި އަމަލުކުރަންވީ ގޮތާއި، އެކަންކަމައި ދެކޮޅަށް އަޑު އުފުލައި މިސަރުކާރަށް އަޑު އިއްވުމުގެ ގޮތުންކަމަށް އިދިކޮޅުން ބުނެއެވެ. އަދި މާދަމާރޭގެ ޖަލްސާއަކީ ހައްގުތައް ހޯދުމަށް ފެށޭ އެންމެ ބޮޑު ހަރަކާތައްވާއިރު، މިއާއިއެކު ގިނަ ކަންތައްތަކެއް ކުރިއަށް އޮތް ތަނުގައި ރޭވި ހިންގިގެން ދާނެ ކަމަށެވެ.
މަސްވެރިން:
މިޖަލްސަގެ ޚާއްސަ ދައުވަތު ދެވިފައިވާ ފަރާތްތަކުގެ ތެރެއިން މަސްވެރިންނަކީ މިވަގުތު އެންމެ ދަތިހާލުގައިއުޅޭ އެއް ފަރާތެވެެ. މަސްވެރިންނަށް ބަނާމަހަށް ހަމަ އަގުނުލިބި، އެތައް ދުވަހެއް ވަންދެން މަސް ކިރޭނެ ގޮތެއްވެސް ނެތި އުޅެންޖެހުމުން މަސްވެރިންދަނީ ކަނޑުމަތީގައާއި، ފެލިވަރުގައާއި، އެނޫން ތަންތަނުގައިވެސް ހައްގުތައް ހޯދުމަށް ގޮވާލަމުންނެވެ. މަސްވެރިންގެ ހައްގުގައި މާދަމާރޭގެ ޖަލްސާގައި އިދިކޮޅުން ކުރުމަށް ރާވާފައިވާ ކަންތައްތައް ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދަނޑުވެރިން:
ކޯވިޑް-19 އާއިއެކު ރާއްޖޭގެ ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔައެވެ. އަދި ކޯވިޑާއިއެކު އެންމެބޮޑަށް ކޮޅަށް ޖަހަން ޖެހުނު އެއް ސިނާއަަކީ ދަނޑުވެރިކަމުގެ ސިނާއަތްކަމުގައި ބުނެ މަޖިލީހުގައާއި، ސަރުކާރުގެ ވަޒީރުން އަޑު އުފުލިނަމަވެސް މިއަދު އަނެއްކާވެސް ދަނޑުވެރިންގެ އަޑު ވަނީ މަޑުވެފައެވެ. އަނެއްކާވެސް ފަތުރުވެރިން އަންނަ ފެށުމާއިއެކު ދަނޑުވެރިންނަށް ދެވޭ ސަމާލުކަން ވަނީ ކުޑަވެފައެވެ. މާދަމާރޭގެ ޖަލްސާގައި ދަނޑުވެރިންގެ ހައްގުތައް ހޯދުމަށް ކުރާނެ މަސައްކަތްތައްވެސް ހިއްސާ ކުރުމަށް ހަމަ ޖެހިފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

ރިސޯޓް މުވައްޒިފުން، ޓެކްސީ ޑްރައިވަރުން، ޒުވާނުން:
މާދަމާރޭގެ ޖަލްސާގައި ހައްގުތައް ގެއްލިފައިވާ އެކި ސިނާއަތްތަކާއި، ދާއިރާތަކުގެ ބޭފުޅުނަށް ވަކިވަކިން ދައުވަތު ދެވުނު އެންމެ ބޮޑު ސަބަބަކީވެސް އެފަރާތްތަކާއިމެދު އަޅާލާނެ ބަޔަކު ނެތި މަގުމަތިވަމުންދާތީ އެމީހުންގެ ހައްގުގައި ވަކާލާތު ކުުރުމަށް އިދިކޮޅުން ތައްޔާރަށް އޮތްކަން ހާމަކުރުމަށް ކަމުގައި އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި މިއީ ސަރުކާރުން ދިވެހި ޒުވާނުންނާއި، ރިސޯޓް މުވައްޒިފުންނާއި، ޓެކްސީ ޑްރައިވަރުންގެ ހައްގުތައް ނިގުޅައިގަނެ، ވަކި ބަޔަކަށް މަންފާ ހޯދުމަށް ކުރާ މަަސައްކަތާއި، އެކަންކަމުގެ ހަގީގަތް ހާމަކުރުމަށް ބާއްވާ ބޮޑު ޖަލްސާއެއްކަމަށް އިދިކޮޅުން ބުނެއެވެ.

މާދަމާރޭ ބާއްވާ ޖަލްސާއަކީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ބާއްވާ ޖަލްސާއަށް ހެދުމަށް ޖަލްސާއަށް ވަޑައިގަންނަވާ ބޭފުޅުންގެކިބައިން އިިދިކޮޅު ކޯލިޝަނުން އެދެއެވެ. ޖަލްސާއަށް ވަޑައިގަންނަވާ ބޭފުޅުން ރައީސް ޔާމީން ބިނާކޮށްދެއްވާފައިވާ ސަލްމާން މިސްކިތާއި ޖެހިގެން ހަދާފައިވާ ޕާކިންޒޯނުގައި ސައިކަލުތައް ޕާކް ކުރެއްވުމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާވަނީ އެދިވަޑަިއގެންފައެވެ. އަދި ރައީސް ޔާމީން އެޅުއްވި ތާރު މަގުގައި އެއްވެސް ބޭފުޅަކު ސައިކަލު ނުބެހެއްޓެވުމަށާއި، ޖަލްސާއަށް ވަޑައިގަންނަވާ ބޭފުޅުން މަގުމަތީގައި ބޮޑި ނުވާނެހެން ވީހާވެސް އަވަހަށް އެތެރެއަށް ވަޑައިގެން ގޮޑިތަކުގައި އިށީންނެވުމަށް ޝުޖާވަނީ އިލްތިމާސް ކުރައްވާފައެވެ.
ޖަލްސާ އިންތިޒާމު ކުރާނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކަމަށާއި، އެގޮތުން ޖަލްސާއަށް ވަޑައިގަންނަވާ ބޭފުޅުން މާސްކު އަޅައިގެން ތިއްބެވުމަށާއި، ސެނަޓައިޒް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ޝުޖާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިޖަލްސާއަކީ ގިނަ ބަޔަކު ބައިވެރިވާނެ ޖަލްސާއަކަށްވުމުން ހުރިހާ ބޭފުޅުންވެސް އިޝާނަމާދަށްފަހު ޖަލްސާއަށް ވަޑައިގެން ގޮޑިތަކުގައި އިށީންނެވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އަދި ޖަލްސާގެ ސަލާމަތީ ކަންކަން ބަލަހައްޓަވާ ފުލުހުންނަށް އާންމު މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށްވެސް ޝުޖާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ވިސްނާގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ހޮނިހިރު ދުވަހުރޭ ބާއްވާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 20:30 ގައެވެ.
ކޮމެންޓު ފޮނުވާ