އިސްލާމްދީނާ ޚިލާފުނުވާ ގޮތަކަށް ހެދުން އަޅައިފިނަމަ، އޭނާ ލައިގެން ހުންނަ ހެދުމުގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި މަސައްކަތުގެ ފެންވަރު ބެލުމުގައި އެއްވެސް ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއްޖެއެވެ.
ރައީސް މުއިއްޒު މި ޕޯސްޓް އެކްސްގައި ޝާއިޢުކުރެއްވީ ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓަށް ވަޒީފާއަށް ކުރިމަތިލި އަންހެނަކު ނިޤާބު އަޅައިގެން ހުރުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވުނު ކަމުގެ ޚަބަރު ފެތުރުމާ ގުޅިގެންނެވެ.
އެ ކެންޑިޑޭޓް ޑިސްކޮލިފައި ކުރިކަން އަންގައި ކޯޓުން ފޮނުވި އީމެއިލް ވަނީ ވައިރަލްވެފައެވެ. އެ އީމެއިލްގައި ބަޔާންކޮށްފައިވަނީ ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި އަމިއްލަ ނަފްސު އަންގައިދޭ ގޮތަށް ހެދުން އަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ނިޤާބު އަޅައިގެން ހުންނަ ފަރާތެއްނަމަ ވަޒީފާ ދިނުމުގެ މަރުހަލާ ކުރިއަށް ނުގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިރުޝާދު ދީފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ޢާންމުންގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ މިފަދަ ތަފާތުކުރުންތައް ނައްތާލުމަށްޓަކައި މިހާރު ހެދިފައި ހުރި އަދި ޢަމަލުކުރަމުންދާ އެންމެހައި ޤަވާޢިދުތައް ބަދަލުކުރަންޖެހޭ ކަމަށެވެ.
އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ! އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް…
— Dr Mohamed Muizzu (@MMuizzu) August 22, 2024
އަދި އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ރައީސް އިތުރަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވީ ދިވެހި މުޖުތަމަޢަކީ ހުރިހާ ގޮތަކުންވެސް ޢަދުލުވެރިކަމާއި އިންސާފުވެރިކަން ކުރިއަރުވާ މުޖުތަމަޢަކަށް ހެދުމަށް އެންމެން ޢަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.