ފާއިތުވު ޖުލައިމަސް ނިމުނު އިރަށްވުރެ މިހިނގާ އޮގަސްޓުމަސް ނިމޭއިރު ބޭނުންކުރެވޭ ރިޒާވްގެ މިންވަރު އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ، ރާއްޖޭގެ ރިޒާވް ހުސްވެއްޖެ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ޚަބަރަކީ ދޮގު މައުލޫމާތެއްކަމަށް ބުނެ އެ އިދާރާއިން އާންމުކުރި ބަޔާނެއްގައެވެ.
އެމްއެމްއޭ އިން ވަނީ ރާއްޖޭގެ ބޭނުންކުރެވޭ ޑޮލަރު ރިޒާވް އެއްކޮށް ހުސްވެއްޖެ ކަމަށް ބުނެ "އަދަދު" ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު، ދޮގު މަޢުލޫމާތު ހިމެނޭ ޚަބަރެއް ކަމަށް ބަޔާންކޮށްފައެވެ.
އެމްއެމްއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރިޒާވްގެ މަޢުލޫމާތު މިހާރެކޭ އެއްގޮތަށް އެ އޮތޯރިޓީން ދަނީ މަހުން މަހަށް ބަރާބަރަށް ޝާއިޢުކުރަމުން ކަމަށެވެ. އަދި ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި މަހު ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
"މިފަދަ ކަންތައްތަކާ ގުޅޭ ޚަބަރުތައް ހަގީގަތާ ޚިލާފަށް ގެނެސްދިނުމަކީ މި އޮތޯރިޓީން ނުހަނު ކަންބޮޑުވާ ކަމެއް،" އެމްއެމްއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.
މި ބަޔާނުގައި ވަކި ނޫހެއްގެ ނަން ބަޔާންކޮށްފައި ވީނަމަވެސް، އެ ނޫހުން މި މައްސަލައާ ގުޅޭ ގޮތުން އަދި އެއްވެސް އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ