ރާއްޖޭގެ ބޭންކުތަކުގެ އެކައުންޓުތަކުގައި ހުންނަ ކަސްޓަމަރުންގެ ފައިސާއަށްވާ ގޮތް ބޭންކަށް ނޭނގޭނަމަ ބޭންކެއް ހުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ފާޑުވިދާޅުވެއްޖެއެވެ.
ސްކޭމްތަކުގެ މައްސަލަތަކުގައި ހިމެނޭ މީހުންގެ އެކައުންޓުގެ ފައިސާ ކޯޓު އަމުރަކާ ނުލައި ފުލުހުންނަށް ހިފެހެއްޓުމުގެ ބާރު ދޭން ޖިނާއީ އިޖުރާތުގެ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވީ އެ އިސްލާހަށް ތާއީދުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އިސްލާހުގެ ސަބަބުން ފުޅާ ދާއިރާއެއްގައި ހިންގާ ސްކޭމްގެ މައްސަލަ ނުހުއްޓުވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގާސިމް ދެކިވަޑައިގަންނަވާ ގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފައިސާ ޓްރާންސްފާކުރާއިރު އެކަން ހުއްޓުވޭނެ ގޮތަކީ ބޭންކިން ގާނޫނަށް އިސްލާހު ގެނައުމެވެ. އޭނާ ވިދާޅުވީ ބޭންކުގައި ހުންނަ މީހުންގެ ފައިސާ ރައްކާތެރިކޮށް ހިފެހެއްޓޭނެ ނިޒާމެއް ކަނޑައަޅައިގެން ގެންދިޔުމަކީ ބޭންކުގެ ޒިންމާއެއް ކަމުގައެވެ.
ކޮމްޕިއުޓާ ޕްރޮގްރާމްގައި ހުރި މައްސަލައެއް ގޮތުގައި އަޅުގަނޑު ފާހަގަކުރަން، އެ ކޮމްޕިއުޓަރު ޕްރޮގްރާމް ހެދިގެން ދާއިރު ހެދެން ޖެހޭނީ ބޭންކުގެ މައްޗަށް ގާނޫނެއް އޮތަސް ނެތަސް އެ މީހުންގެ ކަސްޓަމުންގެ ފައިސާ އެ މީހުން ހިމާޔަތް ކުރުމަކީ ޒިންމާއެއް ކަމަށް ގަބޫލުކުރަން.
ގާސިމް ވިދާޅުވި އެވެ.
ވިލާ ކުންފުނީގެ ބާނީ ގާސިމް ވިދާޅުވީ މީގެ ކުރިން ބޭންކުން ޗެކުތަކަށް ފައިސާ ދޫކުރި އިރު މައްސަލައެއް ކުރިމަތިނުވާ ކަމަށާއި، އެކަމަކު ސްކޭމްގެ މައްސަލަތައް ގިނަވީ މެޝިންތަކުން ފައިސާ ނެގޭ ގޮތަށް ހެދުމުން ކަމަށެވެ. މީގެ ކުރިން ގަވަރުނަރުގެ މަގާމުވެސް އަދާކުރެއްވި ގާސިމް ވިދާޅުވީ ކޮމްޕިއުޓަރ ޕްރޮގްރާމްގައި ހުރި މައްސަލައެއްގެ ގޮތުގައި އެ ކޮމްޕިއުޓަރު ޕްރޮގްރާމް ހެދިގެން ދާއިރު ހެދެން ޖެހޭނީ ބޭންކުގެ މައްޗަށް ގާނޫނެއް އޮތަސް ނެތަސް އެ މީހުންގެ ކަސްޓަމަރުންގެ ފައިސާ ހިމާޔަތް ކުރުމަކީ ޒިންމާއެއް ކަމަށް ގަބޫލުކުރާ ގޮތަށް ކަމަށެވެ.
ގާސިމް ގޮވާލެއްވީ ކޯޑް ނަންބަރެއް ނުވަތަ މީހެއްގެ އެކައުންޓުގެ އޯޓީޕީ ހޯދައިގެން ފައިސާ ނުނެގޭ ގޮތަށް އުސޫލެއް ބޭންކުން އެކުލަވާލުމަށެވެ. އަދި އެފަދަ ކަމެއް ހިނގައިފިނަމަ ބޭންކުން ޒިންމާ އުފުލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަން ނުކުރެވޭނަމަ ބޭންކު ބޭނުމެއް ނެތް ކަމަށާއި، މި މައްސަލަ ހައްލުކުރުމަށް ބޭންކުތަކުން ކުރި މަސައްކަތް ހޯދަން ޖެހޭނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ