ހުޅުމާލޭގައި ބުޓީކް ހޮޓާތައް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުރުޞަތު ހުޅުވާލައިފިއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯންގެ އާބަން އައިލްގައި ތިން ބުޓީކް ހޮޓާ ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި މަޝްރޫޢުގެ ދަށުން ބިން ދޫކުރުމުގައި އިސްކަންދޭނީ ލޭންޑް ލީސް މޮޑެލްއަށް ކަމަށް އެޗްޑީސީން ބުނެފައިވީ ނަމަވެސް، އެހެން މޮޑެލްތަކަށްވެސް އީއޯއައި ހުށަހެޅިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެއް ފަރާތަށްވުރެ ގިނަ ފަރާތުން މި މަޝްރޫޢުތަކަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ، އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކާ މަޝްރޫޢު ހަވާލުކުރެވޭނެ ކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.
އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ހުށަހަޅާފައިވާ ބިޒްނަސް މޮޑެލްއާއި، އޮޕަރޭޓަރުގެ ތަޖުރިބާ އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ހިމެނޭ ކަމަށް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.
އާބަން އައިލްގައި ބުޓީކް ހޮޓާ ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ވަނަ އަހަރުގެ ސެޕްޓެންބަރު 1 ވާ ހުކުރު ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް އީއޯއައި ހުށަހަޅަންވާނެ ކަމަށް އެޗްޑީސީން އަންގާފައިވެއެވެ.
ކޮމެންޓު ފޮނުވާ