މިހާރުގެ ސަރުކާރުން ލޭނު މަސްވެރިކަމާ މެދު ގެންގުޅޭ ސިޔާސަތު ބަދަލުކުރަން ޖެހޭ ކަމުގައި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވެފައިވެއްޖެއެވެ.
ސަރުކާރުން ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމުގެ ސިޔާސަތާ މެދު އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި، ޝާހިދު އެކްސްގައި ޕޯސްޓެއް ކުރައްވައި ވިދާޅުވެފައިވަނީ ދެމެހެއްޓެނިވި މަސްވެރިކަމެއް ރާއްޖޭގައި އޮތުމަށްޓަކައި ލޭނު މަސްވެރިކަން މަނާކޮށްފައި އޮއްވައި، އެކަމަށް ހުއްދަ ދޭން ނިންމުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ.
ޝާހިދު ފާހަގަކުރައްވާފައިވާ ގޮތުގައި މިއީ އެމްޑީޕީ ސަރުކާރުންވެސް ހުއްދަ ނުދީ ހިފަހައްޓާފައިވާ ކަމެކެވެ. އަދި ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމުން، މިހާތަނަށް އެކަމުން ލިބެމުން އައި ފައިދާތައް ގެއްލި، ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، މިއީ ބައިނަލްއަޤްވާމީ ކަމާބެހޭ ފަރާތްތަކުގެ ކަންބޮޑުވުން އޮތް ކަމެއްކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ.
އަދި، ޝާހިދު ވަނީ ސަރުކާރުން ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ގެންގުޅޭ ވިސްނުން އަނބުރާ ގެންދިއުމަށް ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ