މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވާނެކަމަށް އަންގައިފިއެވެ. އެ އިދާރާއިން މަޢުލޫމާތު ދޭގޮތުގައި މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު އޮތެވެ. އަދި ކަނޑުތައްވެސް ޢާންމުގޮތެއްގައި ގަދަވެ، އުދައިގެ އަސަރު ބައެއް ރަށްރަށަށް ކޮށްފާނެކަމަށް ލަފާކުރެވެއެވެ. މިހެންވުމާއެކު، މޫސުމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.
މިއަދުގެ ވައިގެ ޙާލަތާ ގުޅޭގޮތުން މެޓް އޮފީހުން ހާމަކޮށްފައިވަނީ އުތުރާއި މެދުރާއްޖެތެރޭގައި ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 18-28 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 15-25 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުގައި ހުރިހާ ސަރަޙައްދެއްގައިވެސް 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ. އަދި މައިކަނޑުތަކުގެ ރާޅުގެ އުސްމިން 8-11 ފޫޓާ ދެމެދު ހުންނާނެކަމަށް ލަފާކުރެވެއެވެ.
މެޓް އޮފީހުން ނެރެފައިވާ މޫސުމީ ސަމާލުތަކުގެ ތެރޭގައި ހއ. އިން ތ. އަތޮޅާ ހަމައަށް ވައި އަދި ކަނޑު ގަދަވުމުގެ ސަބަބުން ރީނދޫ ސަމާލު ނެރެފައިވެއެވެ. ހއ. އިން ވ. އަތޮޅާ ހަމައަށް ގުގުރުމާއެކު ބޯވާރޭ ވެހުމުގެ ސަބަބުން ހުދު ސަމާލު ނެރެފައިވާއިރު، ލ. އަތޮޅުން އައްޑު އަތޮޅާ ހަމައަށް ގުގުރުމާއެކު ބޯވާރޭ ވެހުމާއި ވައި ގަދަވުމުގެ ސަބަބުން ހުދު ސަމާލު ނެރެފައިވެއެވެ. މި ސަމާލުތައް ދެމިއޮންނާނީ މިއަދު މެންދުރުފަހު 14:00 އާ ހަމައަށެވެ.
މި ހަފްތާ ބަންދުގައިވެސް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭއިރު، މިއަދު މާލެ ސަރަޙައްދަށް މޫސުން ވަރަށް ގޯސްވާނެކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. މި ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށާއި، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުން ތަންނުދޭނަމަ ދަތުރު ނުކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ