ކޯވިޑް-19: އައު ވައިރަސް ކޮންޓްރޯލް ކުރަން އޮތީވެސް ހަމަ އެއްފިޔަވަޅުތަކެއް

ކޯވިޑް-19: އައު ވައިރަސް ކޮންޓްރޯލް ކުރަން އޮތީވެސް ހަމަ އެއްފިޔަވަޅުތަކެއް

Author
މުޙައްމަދު ޝަޒައިމް
24 ޑިސެމްބަރ 2020 10:53
0

އިނގިރޭސިވިލާތުން ފެނިފައިވާ ބަދަލު އައިސްފައިވާ ކޯވިޑް-19 އައު ވައިރަސް ކޮންޓްރޯކޮށް ރައްކާތެރިވުމަށް އަޅަން އޮތީ ކޯވިޑް-19 އިންވެސް ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ކަމުގައި ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ މިހާރު ފެނިގެން އުޅޭ ކޯވިޑްގެ އާ ސްޓްރެއިން އަކީ އާ ބައްޔެއް ނޫންކަމަށެވެ. ފެނިގެން އުޅެނީވެސް ކޯވިޑް ފެތުރުމަށް ނޫނީ ބަލިޖެހޭ ގޮތަށް އައި ބަދަލުތަކެއް ކަމަށާއި، މިކަމުން ރައްކާތެރިވުމަށް އެޅެން އޮތް ފިޔަވަޅުތަކަކީ މިހާރުވެސް އަޅަމުންދާ ފިޔަވަޅުތައް ކަމަށެވެ.

މިކަމާއި ގުޅިގެން މިހާރު ހުރި ފިޔަވަޅުތައް އިމްޕްލިމެންޓޭޝަން ރަނގަޅުކުރުމާއި، އަދި ފިޔަވަޅުތަކަށް ސަމާލުކަންދީ އެކަންކަން ތަންފީޒުކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްއެބަދޭ. މިކަމުންވެސް ރައްކާތެރިވުމަށް ހަމަ އަޅަން އޮތީ އެއް ފިޔަވަޅުތަކެއް.

– ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އާ ވައްތަރުގެ ވައިރަސް ރާއްޖެއިން ފެނުނު ކަމުގައި ވީނަމަވެސް މިހާރު ހުރި ފިޔަވަޅު ތަކާއިއެކު ބަލީގެ ނުރައްކާތެރިކަން ކުޑަކޮށް ކޮންޓްރޯލް ކުރެވޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ. ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ނުކުރެވި، ފަރުވާ ކުޑަކުރެވޭނަމަ ބަލީގެ ނުރައްކާތެރިކަން ބޮޑުވެދާނެކަމަށެވެ. އަދި މިހާތަނަށްވެސް އަޅާފައިވާ ހުރިހާ ފިޔަވަޅަކަށް އެއްފަހަރާ ދޫނުކޮށް ހިފަހައްޓާފައިވަނީވެސް ބަލީގެ ނުރައްކާތެރިކަން އޮތް މިންވަރު އެގޭތީކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ރާއްޖެއިން ކޯވިޑްގައި މިހާތަަނަށް ހޯދާފައިވާ ކާމިޔާބީއަކީ ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއްކަމަށެވެ. ރާއްޖޭގެ ބޯޑަރު ހުޅުވައި، އިޤްތިޞާދު މިއަދު މަޑު މަޑުން ހިނގައި ގަންނަމުންދާއިރު، އަޅާފައިވާ ފިޔަވަޅުތަކަށް ހަރުދަނާކަމާއިއެކު އަމަލު ކުރެވެމުންދާކަމީ މިހިސާބަށް ރާއްޖެއަށް އާދެވުމުގެ އެންމެބޮޑު ސަބަބުކަމަށެވެ. ފާއިތުވެދިޔަ ދެ މަހެއްހާ ދުވަހު ރާއްޖެ ހުޅުވާލައި ރިސޯޓްތަކާއި، ގެސްޓު ހައުސްތަކުންވެސް ޚިދުމަތް ދެމުންދާއިރު، ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަަކަށް އަމަލު ކުރަމުންދާކަމީ ނުހަނު އުފާ ކުރައްވާ ކަމެއްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އަދި މިގޮތަށް އަޅާފައިވާ ފިޔަވަޅުތަކުގައި ކުރިއަށް އޮތް ތަނުގައިވެސް ހިފެހެއްޓިއްޖެނަމަ ނޭގި ނަމަވެސް ރާއްޖެއަށް ކޯވިޑް އައު ވައިރަސް އައި ކަމުގައި ވީނަަމަވެސް ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.