ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މާދަމާ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވީ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިން ތާވަލުކުރެވިފައިވާ ގޮތަށް ބޭއްވުމަށް މަޖިލީހުގެ ރައީސް ނިންމަވައިފިއެވެ. މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، 20 ވަނަ މަޖިލީހުގެ 28 ވަނަ ޖަލްސާ މާދަމާ ހެނދުނު 9:00 ގައި ފެށޭނެއެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމެނެނީ ސަރުކާރުގެ ފަރާތުން ބިލެއް ހުށަހެޅުމާއި، މިހާރު މަޖިލީހުގައި އޮތް ތިން ބިލަކަށް ބަހުސްކުރުމެވެ. މީގެ އިތުރުން، ބ. ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއާ ސުވާލުކުރުންވެސް އެޖެންޑާގައި ހިމެނެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ދައުރުގެ ޗުއްޓީއަށް ދިއުން ދެ ހަފުތާއަށް ފަސްކޮށް، މި ދައުރު ދިގުކުރުމަށް ނިންމާފައެވެ.
މޫސުމާ ބެހޭގޮތުން މެޓް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހުޅަނގު މޫސުމުގެ ބާރުގަދަވެ، މުޅި ރާއްޖެއަށް މޫސުން ވަނީ ގޯސްވެފައެވެ. އެންމެ ގޯސްކޮށް މޫސުން ބަދަލުވެފައިވަނީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. މިކަމާ ގުޅިގެން ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖު އެލާޓް ނެރެފައިވެއެވެ. ބައެއް ރަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެގެން އެންޑީއެމްއޭ އަށް ރިޕޯޓުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވަރަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ވައިޖެހޭނީ ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ދެކުނުގެ ރަށްތަކަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިއްސާރައިގެ ތެރޭގައި ގަޑިއަކު 60 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާ ކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ