ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގެ މުއްދަތު އިތުރުކުރުމަށް މަޖިލީހުން މިއަދު ވަނީ ނިންމާފައެވެ. އެގޮތުން، މިމަހުގެ 15 ވަނަ ދުވަހަށް ހަމަޖެހިފައިވާ ދައުރުގެ ނިމުން މިމަހުގެ 26 އާ ހަމައަށް ދަންމާލުމަށް ވަނީ ފާސްކޮށްފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގައި މަޖިލީހުގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، މަޖިލީހުގެ ގަވާއިދުގެ ދަށުން މި ދައުރު ނިމުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 15 ވަނަ ދުވަހުއެވެ. ނަމަވެސް، މި ވަގުތު މަޖިލީހުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާ ގުޅިގެން، ދައުރުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުއްވިއެވެ.
މި ހުށަހެޅުމަށް ވޯޓަށް އެހުމުން، ޖަލްސާގައި ބައިވެރިވި 82 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 80 މެންބަރުންގެ އިއްތިފާޤުން ވަނީ އޯގަސްޓް 26 ވަނަ ދުވަހާ ހަމައަށް ދައުރު އިތުރުކުރުމަށް ފާސްކޮށްފައެވެ.
މަޖިލީހުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް މަސައްކަތަކީ، ބިދޭސީން ގެނައުމުގެ އަދަދު ކަނޑައަޅާފައިވާ ލިމިޓް އުވާލުމަށް ވަޒީފާއާބެހޭ ޤާނޫނަށް ގެންނަ އިޞްލާޙެވެ. މިހާރު ޤާނޫނުގައި އޮންނަ ގޮތުން، އެއް ޤައުމަކުން އެންމެ ގިނަވެގެން ގެނެވޭނީ 100,000 މީހުންނެވެ. މި ބިލުގެ މަސައްކަތް މިއަދުގެ ނިޔަލަށް ނިންމުމަށް މަޖިލީހުގެ 241 ކޮމިޓީން ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ސަރުކާރަށް އާމްދަނީ ލިބޭނެ މުހިންމު ބިލުތަކެއްގެ މަސައްކަތްވެސް މަޖިލީހުގެ ތަޅުމުގައި ކުރިއަށްދާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
ކޮމެންޓު ފޮނުވާ