ގިނަ ދުވަސްތަކަކަށްފަހު ހޮނިހިރު ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ބާއްވާ ބޮޑު ޖަލްސާގައި ޕާޓީގެ މެމްބަރުންނަށް ޚާއްސަ ސަޕްރައިޒެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އަންނަ ހޮނިހިރު ދުވަހުގެރޭ ބާއްވާ ޚާއްސަ ޖަލްސާއާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުުން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން އަދި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ، ޖަލްސާއަކީ އެތައް ބަޔަކު މިފަދަ އެއްވުމަކަށް އެދިއެދި ތިއްބައި ކަމާއި ބެހޭ ފަރާތްތަކުގެ ހުއްދައަކާއިއެކު ބޭއްވިގެންދާ ފޯރި ގަދަ ޖަލްސާއަކަށް ވެގެންދާނެ ކަމަށެވެ. ޖަލްސާގައި ތަފާތު ކަންތައްތަކެއް ފެނިގެންދާނެ ކަމަށާއި، ޚާއްސަ ބޮޑު ސަޕްރައިޒެއްވެސް މެމްބަރުންނަށް ދިނުމަށް ހަމަޖެހިފައިވާކަމަށް ޝުޖާ ވިދާޅުވިއެވެ.
މިޖަލްސާއަކީ ވަރަށް ޚާއްސަ ޖަލްސާއެއް. ޖަލްސާގައި ވަރަށް ޚާއްސަ ސަޕްރައިޒެއް ފެނިގެންދާނެ. ތިބޭފުޅުންވެސް އަޅުގަނޑުމެންވެސް އެވަގުތައް މި އިންތިޒާރު ކުރަނީ.
– ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވަނީ މިއަދުގެ ޕްރެސްގައި ޖަލްސާއަށް ވަޑައިގަންނަވާ ބޭފުޅުން އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. މިޖަލްސާއަކީ ފުލުހުންގެ ހުއްދައާއިއެކު، ފުލުހުން ދެއްވާފައިވާ އިރުޝާދުތަކާއި އެއްގޮތަށް ބާއްވާނެ ޖަލްސާއެއްކަމަށް ޝުޖާ ވިދާޅުވިއެވެ. އިދިކޮޅު ކޯލިޝަނަކީ އަބަދުވެސް ރާއްޖޭގެ ފުލުހުންގެ މުއައްސަސާއަށާއި، ރާއްޖޭގެ ހެދިފައިވާ ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަބާނެ މެމްބަރުން ތިބި ކޯލިޝަނަކަށްވާއިރު، މި ޖަލްސާ އިންވެސް އެކަން ހާމަވެގެންދާނެކަމަށެވެ.
ޖަލްސާއަށް ވަޑައިގަންނަވާ ބޭފުޅުން ރައީސް ޔާމީން ބިނާކޮށްދެއްވާފައިވާ ސަލްމާން މިސްކިތާއި ޖެހިގެން ހަދާފައިވާ ޕާކިންޒޯނުގައި ސައިކަލުތައް ޕާކް ކުރެއްވުމަށް ޝުޖާވަނީ އެދިވަޑައިގެންފައެވެ. އަދި ރައީސް ޔާމީން އެޅުއްވި ތާރު މަގުގައި އެއްވެސް ބޭފުޅަކު ސައިކަލު ނުބެހެއްޓެވުމަށާއި، ޖަލްސާއަށް ވަޑައިގަންނަވާ ބޭފުޅުން މަގުމަތީގައި ބޮޑި ނުވާނެހެން ވީހާވެސް އަވަހަށް އެތެރެއަށް ވަޑައިގެން ގޮޑިތަކުގައި އިށީންނެވުމަށް ޝުޖާވަނީ އިލްތިމާސް ކުރައްވާފައެވެ.
ޖަލްސާ އިންތިޒާމު ކުރާނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކަމަށާއި، އެގޮތުން ޖަލްސާއަށް ވަޑައިގަންނަވާ ބޭފުޅުން މާސްކު އަޅައިގެން ތިއްބެވުމަށާއި، ސެނަޓައިޒް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ޝުޖާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިޖަލްސާއަކީ ގިނަ ބަޔަކު ބައިވެރިވާނެ ޖަލްސާއަކަށްވުމުން ހުރިހާ ބޭފުޅުންވެސް އިޝާނަމާދަށްފަހު ޖަލްސާއަށް ވަޑައިގެން ގޮޑިތަކުގައި އިށީންނެވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އަދި ޖަލްސާގެ ސަލާމަތީ ކަންކަން ބަލަހައްޓަވާ ފުލުހުންނަށް އާންމު މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށްވެސް ޝުޖާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ވިސްނާގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ހޮނިހިރު ދުވަހުރޭ ބާއްވާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 20:30 ގައެވެ.
ކޮމެންޓު ފޮނުވާ