ކުރީގެ ޗީފް އޮފް ޑިފެންސްފޯސްގެ މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ބައްފަ ދިރިއުޅެމުންދިޔަކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، ދައުވާ ނުކުރަން ނިންމާފައިވާ މައްސަލައެއް އަލުން ރިވިއުކޮށް ދައުވާ އުފުލަން ފޮނުވާފައިވާނީ ބިރު ދެއްކުމަށް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ޗީފް އޮފް ޑިފެންސްފޯސްގެ މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލަޔަށް އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވީ ޤައުމަށް ގިނަ ގުނަ ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންނަށްނަށް ނުހައްގުން ދައުވާކޮށް، ބިރު ދެއްކުމުގެ މިފަދަ އަމަލުތަކަކީ ވަރަށް ދެރަވަރު ނާތަހުޒީބު އަމަލު ތަކެއްކަމަށެވެ. މިމައްސަލައާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ޕީޖީއަށާއި، އޭސީސީއަށް އަމާޒުވެފައިވާއިރު، މިއީ މީގެ އެތައް ދުވަހެއް ކުރިން ދައުވާ ނުކުރަން ނިންމާފައިވާ މައްސަލައެއްކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
ދަޢުވާ ނުކުރެވޭ ފަދަ މައްސަލައެއްގެ ގޮތުގައި ނިންމައި ފައިލްކޮށްފަ އޮތުމަށް ފަހު، އެމްއެންޑީެފްގެ ކުރީގެ ޗީފް ޖެނެރަލް ޝިޔާމްގެ މައްޗަށް އަލުން ދަޢުވާކުރަން ފޮނުވުމަކީ ބިރު ދެއްކުމުގެ ޢަމަލެއް. ޤައުމީ ޚިދުމަތުގެ އަބުޠާލުންނާމެދު މިގޮތައް ކަންކަން ކުރުމަކީ ދެރަވަރު ކަމެއް.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ޖެނެރަލް ޝިޔާމުގެ މައްޗަށް ދަޢުވާކުރަން ފޮނުވާފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމާއި ރަސްމީ ޙައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން އޭގެފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ތުހުމަތުގައެވެ.
މިމައްސަލައަކީ އޭސީސީން ކުރިން ބަލައި ކޮރަޕްޝަނެއް ނެތްކަމަށް ނިންމާފައި އޮތް މައްސަލައެކެވެ. މިމައްސަލަ އަލުން ބެލީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އެދިވަޑައިގަތުމަށެވެ.
މައްސަލަ އަލުން ބެއްލެވުމަށްފަހު އޭސީސީން ވިދާޅުވީ، 18 ޖުލައި 2017އިން ފެށިގެން 11 ޑިސެމްބަރ 2018ގެ ނިޔަލަށް، ޖެނަރަލް ޝިޔާމްގެ ބައްޕަ ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ ޢިމާރާތުގައި ދިރިއުޅެފައިވާކަމަށާ، އަދި ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމްއެންޑީއެފްގައި ކުރިން މަސައްކަތްކުރި މީހަކުވެސް އެގޭގައި ދިރިއުޅެފައިވާކަން ތަޙުޤީޤަށް ހާމަވެފައިވާކަމަށެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަޢުލޫމާތުދެއްވިގޮތުގައި އެކޮމިޝަނުގެ ތަޙުޤީޤަށް އެނގިފައިވާގޮތުގައި އެގޭގައި ޝިޔާމްގެ ބައްޕަ ދިރިއުޅުއްވާފައިވަނީ ޝިޔާމް އަންގަވައިގެންނެވެ. އެހެންނަމަވެސްް ޝިޔާމްގެ ބައްޕަ ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުން ހުއްދަކުރާ ޤާނޫނެއް ނުވަތަ އުސޫލެއް ނެތްކަމަށްވެސް އޭސީސީއިން މައުލޫމާތު ދެއްވައެވެ.
ކޮމެންޓު ފޮނުވާ