ކެންސަރު، ހިތުގެ ބަލި، ސްޓްރޯކް އަދި ސިކުނޑީގެ ބަލިތަކަށް ޚާއްޞަކޮށްގެން ދެވޭ ފަރުވާތައް ރާއްޖޭގައި ތަރައްޤީކުރުމަށް ރޭވިފައިވާ ކަމުގައި އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑރ. ޝާހު މާހިރު ވިދާޅުވީ އައިޖީއެމްއެޗްގައި ވަރަށް އަވަހަށް އޯޕަން ހާޓް ސަރޖަރީ ފެށުމަށް ރޭވިފައިވާ ކަމަށެވެ.
"މިފަދަ ސްޕެޝަލިޓީތައް ތަޢާރަފުވުމުން މުޅި ޞިއްޙީ ޚިދުމަތްތައް ފުޅާވެގެންދާނެ. ބޮޑެތި ސަރޖަރީތައް ކުރާނަމަ އިންޓެންސިވް ކެއަރގެ ޚިދުމަތްވެސް ފުޅާކުރަން ޖެހޭނެ. މިހާރު ހުރި ސްޕެޝަލިޓީތައްވެސް އިތުރު ހަރުފަތަކަށް ގެންދިއުމަކީ އަޅުގަނޑުމެންގެ މަސައްކަތެއް. އައިޖީއެމްއެޗަކީ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ހެދުމަކީ އަމާޒު،" ޑރ. ޝާހު މާހިރު ވިދާޅުވިއެވެ.
ބޭނުންވާ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ނުގެންދެވޭ އެއް ސަބަބަކީ އެނދުގެ ޢަދަދު މަދުވުންކަމަށް ފާހަގަކުރައްވައި، ޑރ. ޝާހު މާހިރު ވިދާޅުވީ އައިޖީއެމްއެޗްގެ އެނދުގެ ޖާގަ އިތުރުކުރުމަށް 74 އެނދުގެ 4 ފަންގިފިލާގެ ޢިމާރާތެއް އެޅުމުން އިތުރު ބަލިމީހުން އެޑްމިޓްކޮށް، ޚިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ހުޅުވިތާ 29 އަހަރު ވެފައިވާއިރު، މިހާރު އެ ހޮސްޕިޓަލުގައި ގާތްގަނޑަކަށް 350 އެނދު ހުންނަ ކަމަށް ވެއެވެ.
ކޮމެންޓު ފޮނުވާ