"ރައްކާ ރޯޑް ޝޯވ 2024″ ގެ ދަށުން ފުވައްމުލަކު ސިޓީގެ ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާ ގުޅޭ މައުލޫމާތުދީފި

"ރައްކާ ރޯޑް ޝޯވ 2024″ ގެ ދަށުން ފުވައްމުލަކު ސިޓީގެ ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާ ގުޅޭ މައުލޫމާތުދީފި

Author
ހުސެއިން
06 އޮގަސްޓް 2024 12:11
0

ފުވައްމުލަކު ސިޓީގައި މިހާރު ކުރިއަށްދާ "ރައްކާ ރޯޑް ޝޯވ 2024″ ގެ ދަށުން، ފުވައްމުލަކު ސިޓީގެ ސްކޫލު ދަރިވަރުންނަށް މައުލޫމާތުދިނުމުގެ ދެވަނަ ސެޝަން ބާއްވައިފިއެވެ.

 

އިއްޔެ ކުރިއަށްގެންދިޔަ މި ސެޝަނުގައި މައުލޫމާތުދީފައި ވަނީ ފުވައްމުލަކު ސްކޫލާއި މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށެވެ.

 

މި ސެޝަނުގައި، މަގު ހުރަސްކުރުމުގައި ސަމާލުވާންޖެހޭ ކަންކަމާއި، މަގުމަތީގެ ގަވާއިދުތަކާއި، ދަރިވަރުން މަގުމަތީގައި އުޅޭއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، އަމިއްލަ ނަފުސާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

 

އަދި ހަމައެހެންމެ، މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި އެއްގަމު އުޅަނދުފަހަރުގައި ދަތުރުކުރާއިރު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، މަގުމަތީގައި ބޭނުންކުރާ އެކިއެކި ނިޝާންތަކާއި އެ ނިޝާންތަކުގެ މަގުސަދުތަކާ ބެހޭ މުހިންމު މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން، މަގުމަތީގެ އަދަބުތަކާއި އެހެން މީހުންނާ މުއުމަލާތުކުރުމުގައި ރިވެތި ބަސްމަގު ބޭނުންކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވެސް މި ސެޝަނުގައި އަލިއަޅުވާލާފައިވެއެވެ.

 

މި ސެޝަނުގައި ޖުމުލަ 752 ދަރިވަރުން ބައިވެރިވިއެވެ. މީގެ ތެރޭގައި ހިމެނެނީ ފުވައްމުލަކު ސްކޫލުގެ 6 އަދި 7 ވަނަ ގްރޭޑުގެ 33 ދަރިވަރުންނާއި، މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ގްރޭޑު 1 އިން ގްރޭޑް 10 އަކަށް ކިޔަވާ 719 ދަރިވަރުންނެވެ. މި ސެޝަން ކުރިއަށް ގެންދިޔައީ ރޯޑު ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަން ޔުނިޓުގެ މުވައްޒަފުންނެވެ.

 

މައުލޫމާތު ދިނުމުގެ މި ސެޝަނަކީ ދަރިވަރުންގެ މެދުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން "ރައްކާ ރޯޑް ޝޯވ 2024″ ގެ ތެރެއިން ކުރިއަށްގެންދެވުނު މުހިންމު މަސައްކަތެކެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން، ކުޑަކުދިންނާއި ޒުވާނުން މަގުމަތީގައި އުޅޭއިރު އިތުރަށް ސަމާލުވެ، އެމީހުންގެ އަމިއްލަ ރައްކާތެރިކަމާއި އެހެން މީހުންގެ ސަލާމަތަށް އިސްކަންދިނުމަށް ހިތްވަރު ލިބިގެންދާނެއެވެ.

 

މި އޮގަސްޓު މަހުގެ 3 އިން 18 އަށް ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދާ "ރައްކާ ރޯޑް ޝޯވ 2024″ ގައި، ސްކޫލް ޓްރެފިކް މޮނިޓަރުންގެ ޕްރޮގްރާމް، ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކާއި ޖަމުއިއްޔާތަކަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމް، ފަހިރާސްތާ، ރޯޑް ސޭފްޓީ ހިނގާލުމާއި ރަށުގެ އެކި މަގުތަކުގައި ބިލްބޯޑު ހަރުކުރުމުގެ އިތުރުން ވޮލީބޯޅަ މުބާރާތާއި ކުޑަކުދިންގެ ހަވީރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

 

"ރައްކާ ރޯޑް ޝޯވ" އަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކޮށް، މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއަހަރަކީ މި ޕްރޮގްރާމު ކުރިއަށްގެންދާތާ 10 ވަނަ އަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.