ބީއެމްއެލްގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ސާފު ފައިދާ ފާއިތުވި އަހަރުގެ އެމުއްދަތަށްވުރެ 103 މިލިއަން ރުފިޔާ ދަށް

ބީއެމްއެލްގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ސާފު ފައިދާ ފާއިތުވި އަހަރުގެ އެމުއްދަތަށްވުރެ 103 މިލިއަން ރުފިޔާ ދަށް

Author
ޙަސަން މުޙައްމަދު
30 ޖުލައި 2024 01:17
0

ބޭންކް އޮފް މޯލްޑިވްސްއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 448 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެއެވެ. މިއީ ފާއިތުވި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 103 މިލިއަން ރުފިޔާގެ ދަށް އަދަދެކެވެ. ބޭންކުން ބުނެފައިވަނޫ 2 ވަނަ ކުއާޓަރުގެ ފައިދާ ދަށްވީ ކުންފުނީގެ ހިންގުމުގެ ޚަރަދު މަތިވެގެން ގޮސްފައިވާތީ ކަމުގައެވެ.

ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުންޏަށް ދެވަނަ ކުއާޓަރުގައި ލިބުނު ސާފުފައިދާ ފާއިތިވި އަހަރާ އަޅާ ބަލާއިރު ދަށްވި ނަމަވެސް، ކުންފުނީގެ ހިންގުމުގެ ފައިދާއިން 3 އިންސައްތައިގެ ކުރިއެރުމެއްވަނީ ލިބިފައެވެ. އެގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ވަނީ 698 މިލިއަން ރުފިޔާ ލިބިފައެވެ.

ބީއެމްއެލްގެ ކުއާޓާލީ ރިޕޯޓުން އެގެންހުރި ގޮތުގައި ބޭންކުންވަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި، 2.8 ބިލިއަން ރުފިޔާގެ އާ ލޯނު  ދޫކޮށްފަައިވާއިރު، މި ކުއާޓަރު ނިމުނުއިރު ބޭންކުގެ ޖުމްލަ އެސެޓް ވަނީ 44.9 ބިލިއަން ރުފިޔާ އަށް މަތިވެގެން ގޮސްފަ އެވެ. އަދި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓްރީގައި 29.5 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

މި ނިމުނު ކުއާޓަރުގައި ބޭންކުން ވަނީ ރާއްޖޭގެ ޝަރުއީ ހަމަތަކަށް ފެތޭ ފުރަތަމަ ކްރެޑިޓް ކާޑާއި ހޯމް ބިލްޑް އަދި ހޯމް އިކުއިޓީ ލޯން ތައާރަފް ކޮށްފަ އެވެ. އަދި ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކުގެ ސީއެސްއާރު ހަރަކާތްތަކުގެ ތެރެއިން މިދިޔަ ކުއާޓަރުގައި 'ބޭންކް ފަންޑް" އަށް އެދި ހުށަހަޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.