ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ކޭ-ޕާކް ރެސިޑެންސް ފްލެޓްތައް މަކަރާއި ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)އާއި އޭނާގެ ވިޔަފާރީގެ ބައިވެރިއެއް ކަމަށްވާ ރ. އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފި އެވެ.
މި ދެމީހުންގެ މައްޗަށް 202 ދައުވާއެއް ކޮށްފައި ވެއެވެ. މި މައްސަލައިގައި މަންޑޭގެ މައްޗަށް 104 ދައުވާއެއް ކޮށްފައިވާއިރު ޖައިޝާންގެ މައްޗަށް 98 ދައުވާ ކޮށްފައިވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މީގެކުރިން ބުނެފައިވަނީ އެ މައްސަލައިގައި މަންޑޭގެ މައްޗަށް ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާ ކުރުމަށް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
މީގެ އިތުރުން މަންޑޭގެ ވިޔަފާރި ޕާޓްނަރު ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ކުރެ އެވެ. އެއީ ޓެކުމުގައި 20 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 27 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 47 ދައުވާގެ އިތުރުން މަނީ ލޯންޑާ ކުރަން އެހީތެރިވުމުގެ ދައުވާއެއް ކަމަށް ޕީޖީން ބުންޏެވެ.
މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާކުރި ފުރަތަމަ ފަހަރެވެ. މަންޑޭ އާއި ޖައިޝާންގެ މައްޗަށް އެ ދައުވާތައް ކުރީ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ފުރިހަމަކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 51 މީހުންގެ ޝަކުވާތައް ބެލުމަށް ފަހުގައެވެ.
ޕީޖީން ބުނެފައިވަނީ މި ދައުވާތަކުގެ ތެރެއިން މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ %95 ޙިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްހަ ނޫން ސޮއި ކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހަޅާފައިވާތީ ކަމަށެވެ.
ޓެކުމާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާތައް ކޮށްފައިވަނީ ކޭ ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި 110 އެޕާޓްމަންޓް ހިމެނޭ ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް ފަށައި، މި ޕްރޮޖެކެޓް ހިންގާކަން އާންމުކޮށް އިއުލާނުކޮށް، އާންމުންނަށް މި އެޕާޓްމަންޓްތައް ވިއްކި އިރު، އެއް އެޕާޓްމަންޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާ، އެމީހުންގެ އަތުން ފައިސާ ނެގުމުންނެވެ. އަދި އޮޅުވާލުމުގެ ދައުވާކޮށްފައި ވަނީ އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކިއިރު އެކަން އެޕާޓްމަންޓް ގަތް މީހުންނަށް އޮޅުވާލާފައިވާތީއެވެ.
މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ ހަންބޯ ކުންފުނީގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލުމަށްފަހު މަންޑޭ އެ ފައިސާ ބޭނުން ކޮށްފައިވާތީ އާއި ހުޅުމާލޭގެ އެފް ޑަބްލިއު ރެސިޑެންސްއިން އަގުބޮޑު ފްލެޓެއް އޭނާ ގަނެފައިވާތީއެވެ. އަދި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ ކުރަނީ ހަންބޯ ކުންފުނީގެ މައި ހިއްސާދާރުގެ ސޮއި ކަމަށް ބުނެ ސައްހަ ނޫން ލިޔުންތަކެއް ބޭންކަށް ހުށަހަޅާފައިވާތީއެވެ.
މި ދައުވާތަކާ ގުޅިގެން ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ނަގައި ދިނުމަށްވެސް މި ދައުވާތަކުގައި ވަނީ އެދިފައެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި އެ މައްސަލާގައި ހިމެނެނީ ކޭ ޕާކް 23 އެޕާމެންޓެއް 51 މީހަކަށް ވިއްކާފައިވެ އެވެ. ޕީޖީން ބުނީ ބައެއް އެޕާޓްމަންޓްތައް ހަ މީހުންނަށް ވެސް ވިއްކާފައި ހުރި ކަމަށެވެ. މި ސްކީމްއާ ގުޅޭ އިތުރު ތަހުގީގުތައް ފުލުހުން ކުރަމުންދާ ކަމަށާއި ތަހުގީގު ނިމުމުން ދައުވާ ކުރުމާ މެދުގައި ގޮތެއް ނިންމާނެ ކަމަށް ޕީޖީން ބުންޏެވެ.
ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ބޭނުންވާ ލިޔެކިޔުންތައް ލިބިފައިވޭތޯ ސާފުކޮށް، ވަކީލެއް ބޭނުންވޭތޯ ސުވާލުކޮށްފަ އެވެ. އަދި މަންޑޭއައި ޖައިޝާން ވެސް ވަކީލަކު ބޭނުންވުމުން ކޯޓުން ވަނ ވަކީލަކު ހޯދުމަށް 10 ދުވަސް ދީފަ އެވެ.
ކޯޓުން ބުނީ 10 ދުވަސް ފަހުން ބާއްވާ ދެވަނަ އަޑުއެހުމުގައި ވަކީލަކު ހަމަޖެހިފައި ނުވިޔަސް މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.