ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތީގެ ބާވަތްތަކުގެ ކޯޓާވެ ދެ އަހަރު ދުވަހަށް އިންޑިއާއިން އިތުރުކޮށްދީފިކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ސޯޝަލް ސެންޓަރުގައި ރޭ ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއިން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ޗައިނާ އާއި އިންޑިއާއިން ލުއި ގޮތްތައް ހޯދައިދިނުމަށް ވަރަށް އެހީތެރިވަމުންދާކަމުގައެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދީ ސިޔާދަތު ޔަޤީންކުރުމަށްޓަކައި، ކުރެވޭ މަސައްކަތްތަކަށް ޗައިނާ ސަރުކާރާއި އިންޑިއާ ސަރުކާރުން އެއްބާރުލުން ދެއްވާކަން ފާހަގަކުރައްވައި ދިވެހި ރައްޔިތުންގެ ފަރާތުން އެމަނިކުފާނު އެ ދެގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
އިންޑިއާއިން ވެދެއްވާ އެހީތެރިކަމަށް ތަފްޞީލީގޮތެއްގައި އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދާދިފަހުން ދިވެހިރާއްޖެއިން ދައްކަން ޖެހުނު 50 މިލިއަން ޑޮލަރުވެސް އިންޑިއާ ސަރުކާރުން ރޯލްއޯވަރ ކޮށްދެއްވާފައިވާކަމުގައެވެ. އަދި ޒަރޫރީ ކާބޯތަކެތީގެ ބާވަތްތަކުގެ ކޯޓާވެސް ދެ އަހަރު ދުވަހަށް އިތުރުކޮށްދެއްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތިރުން ލައިން އޮފް ކްރެޑިޓްގައި ބާކީހުރި ފައިސާވެސް ބޭނުންކުރެވޭނެގޮތަށް މަގުފަހިކޮށްދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާއާއި އިންޑިއާއާ އެކީގައި ކަރަންސީ ސްވޮޕް އެއްބަސްވުންތަކަކަށް ދެވޭތޯ މަސައްކަތްކުރަމުންދާކަމުގައި ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން ޑޮލުރުގެ ދަތިކަން ކުޑަވެގެންދިޔުމަށް މަގުފަހިވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ގިނަ ޤައުމުތަކުން އެއްބާރުލުން ދެއްވާކަން ފާހަގަކުރައްވައި ޤައުމުގެ އިޤްތިޞާދު ވަރުގަދަކުރުމަށް އެތައް ޤައުމަކުން އެހީތެރިކަން ފޯރުކޮށްދެއްވާކަން ހާނަކުރައްވާފައެވެ. އެގޮތުން އެއަރޕޯޓުގެ މަސައްކަތް އަވަސްކުރުމަށް، އެ މަޝްރޫޢަށް ފަންޑުކުރާ ސަޢޫދީ ޢަރަބިއްޔާ، ޗައިނާ، ކުވައިތު، އަދި ޔޫ.އޭ.އީއާއި އެކީގައި ކުރެވޭ މަސައްކަތުން، އިތުރަށް ބޭނުންވާ ފައިސާ ހަމަޖެހި، އަދި ދައްކަންހުރި ލޯނުތައް ދެއްކުން ފަސް ކުރެވޭނެ ގޮތްތައް ހަމަޖެހެމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.