އިސްލާމީ ދާއިރާގެ 15 މުހިންމު މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުންފުނިތަކާއެކު ސޮއިކުރުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެ މެންދުރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުތަކުގެ ތެރޭގައި 2 ޤުރުއާން މަރުކަޒަކާއި، 1 އިސްލާމީ މަރުކަޒަކާއި، 12 މިސްކިތެއް އިމާރާތްކުރުން ހިމެނެއެވެ.
ޤުރުއާން މަރުކަޒުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ލ. މައިބަދޫ އަދި ޅ. އޮޅުވެލިފުށީގައެވެ. މީގެއިތުރުން، ށ. ފޯކައިދޫގައި އިސްލާމީ މަރުކަޒެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިސްކިތްތައް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ށ. ނޫމަރާ، ހދ. ނެއްލައިދޫ، ތ. ހިރިލަންދޫ، ރ. އިނގުރައިދޫ، ސ. ފޭދޫ، ބ. ކުޑަރިކިލު، ނ. ހެނބަދޫ، ހއ. އުތީމު، ތ. ވޭމަންޑޫ، ބ. މާޅޮސް، އއ. ފެރިދޫ އަދި ހއ. ބާރަށް ހިމެނެއެވެ.
ވަޒީރު ޝަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން ކުރަން ވަޢުދުވެވަޑައިގެންފައިވާ ކަންކަމެވެ. އޭގެތެރެއިން ގިނަ ކަންކަން މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ވަޤުފް އިމާރާތްތަކުގެ މަސައްކަތާއި، ޒުވާން ޚަޠީބުންގެ މަޝްރޫޢުއާއި، ޒުވާން ޙާފިޡުން އުފެއްދުމާއި ޙާފިޡުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތްތައް ހިމެނެއެވެ.