ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ވަސީލަތްތައް ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރާއެކު އެއްބަސްވެއްޖެއެވެ.
މިކަމަށް އެދިވަޑައިގެންފައިވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ދައުވަތަކަށް އެގައުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އިންޑިއާގެ މަޖިލީހުގެ ޖަލްސާ ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގެ ތެރޭގައެވެ.
އިންޑިއާގެ މަޖިލިސް އިދާރާގައި ބޭއްވުނު ބައްދަލުވުމުގައި ރާއްޖޭގެ ވަފުދަށް މަރުހަބާ ދެންނެވީ އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޯމް ބިރްލާއެވެ. މި ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލައިޒޭޝަން އަދި އޭއައި ބޭނުންކުރަމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގެ މަޖިލިސް އިދާރާ ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
މިކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު އިރު، އިންޑިއާގެ މަޖިލީހުގެ ރައީސް އޯމް ބިރްލާ ވިދާޅުވެފައިވަނީ މިކަމުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ އޮފިސަރުން ތަމްރީނުކުރުމަށްވެސް އެއްބާރުލުން ދެއްވާނެ ކަމުގައި އޯމް ބިރްލާ ވިދާޅުވިއެވެ.