އެޗްޑީސީގެ ޑިރެކްޓަރު އިސްމާއީލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

އެޗްޑީސީގެ ޑިރެކްޓަރު އިސްމާއީލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Author
އަހުމަދު
21 ޖޫން 2026 11:22
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގި މާރާމާރީއެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރެއް ކަމަށްވާ އިސްމާއީލް އަބްދުއްރަހީމް (އިސޫ) އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ހިއްކި ބިމުގެ ސަރަހައްދުގަ އެވެ. މި މާރާމާރީގައި އުމުރުން 34 އަހަރުގެ އިސްމާއީލްގެ އިތުރުން 21 އަހަރުގެ ޒުވާނަކަށް ވަނީ އަނިޔާވެފަ އެވެ. މި ދެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މީގެ ތެރެއިން 21 އަހަރުގެ މީހާ ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމާއެކު، މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އޭނާ ވަގުތުން ހައްޔަރުކޮށްފަ އެވެ.

މި ހާދިސާގައި އަނިޔާވި އިސްމާއީލަކީ މީގެ ކުރިން ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން 2022 ވަނަ އަހަރުގެ ޖޫން މަހު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލުނު ފަރާތެކެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތްކަމަށް ކަނޑައަޅައި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކޯޓުން ވަނީ އޭނާގެ މައްޗަށް ކުރި ދައުވާތައް ބޭރުކޮށްލާފަ އެވެ. އޭނާ އެޗްޑީސީގެ ޑިރެކްޓަރުކަމުގެ ވަޒީފާއަށް އައްޔަންކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.