ރާއްޖެއިން އެހީއަށް އެދޭ ކޮންމެ ވަގުތެއްގައިވެސް އެހީތެރިވުމަށް އިންޑިއާ އޮންނާނީ ތައްޔާރަށް: އިންޑިއާގެ ނައިބު ރައީސް

ރާއްޖެއިން އެހީއަށް އެދޭ ކޮންމެ ވަގުތެއްގައިވެސް އެހީތެރިވުމަށް އިންޑިއާ އޮންނާނީ ތައްޔާރަށް: އިންޑިއާގެ ނައިބު ރައީސް

Author
ހުސައިން
12 ފެބްރުއަރީ 2025 09:49
0

ރާއްޖެއިން އެހީއަށް އެދޭ ކޮންމެ ވަގުތެއްގައިވެސް އެހީތެރިވުމަށް އިންޑިއާ އޮންނާނީ ތައްޔާރަށް ކަމަށް އިންޑިއާގެ ނައިބު ރައީސް އަދި ރާޖްޔާ ސަބާގެ ޗެއަރމަން ޝްރީ ޖަގްދީޕް ދަންޚާރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ދެފަރާތުން މަޝްވަރާކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި ދެގައުމުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާއި، އަދި ސަރަޙައްދީ ހަމަޖެހުން އިތުރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މަޖިލީހުގެ އިދާރާއިން ފާހަގަކުރެއްވި ގޮތުގައި މި ބައްދަލުވުމުގެ ސަބަބުން ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

ބައްދަލުވުމުގައި ރާޖްޔާ ސަބާގެ ޗެއަރމަން މޯލްޑިވްސް-އިންޑިއާ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންނާއި ދިވެހި ވަފުދުގެ މެންބަރުންނަށް މަރުޙަބާ ދަންނަވައި، ދެގައުމުގެ ދެމެދުގައިވާ އެކުވެރިކަން އަބަދުވެސް ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ވަނީ ރާޖްޔާ ސަބާގެ ޗެއަރމަންއަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވުމުގެ ދަޢުވަތު އަރުވާފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސާވެސް ބައްދަލުކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.