ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް މިއަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކުރިގޮތުގައި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހުއްދަނެތި ހަރަކާތްތެރިވަމުންދިޔަ މަސްބޯޓެއް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.
އާންމުކުރެވިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި މަސްބޯޓަކީ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލެވިފައިވާ މަސްބޯޓުތަކާ ވަރަށް އެއްގޮތް މަސްބޯޓެކެވެ. މިފަދަ މަސްބޯޓުތަކަކީ އާންމުގޮތެއްގައި އަވައްޓެރި އިންޑިއާ އަދި ސްރީލަންކާގެ މަސްވެރިން ބޭނުންކުރާ މަސްބޯޓުތަކެއް ކަމަށް ބެލެވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ސިފައިން ދަނީ ޚާއްސަ އިސްކަމެއް ދީގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ މަސައްކަތްތަކުގެ ތެރޭގައި، ދާދި ފަހުން ސިފައިންގެ ޑްރޯނެއްގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ އެހެން މަސްބޯޓެއްވެސް ވަނީ އަތުލެވިފައެވެ.
މި މަސްބޯޓާއި މެދު އެމްއެންޑީއެފްއިން އިތުރު ފިޔަވަޅު އަޅާނެ ގޮތަކާ ބެހޭގޮތުން އަދި އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.