ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ކުރީގެ ނައިބު ރައީސް ޖިހާދު މިހާރު ހުންނެވީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ގެ ޗެއާޕާސަންގެ މަގާމުގައެވެ. ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއިކުރެއްވި މައްސަލާގަ އެވެ.
ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ޖިހާދުގެ މައްޗަށް ކުރީ ފުޅިދިއްގަރުފަޅު ތަރައްގީކުރަން ސަރުކާރާއި ބޭރުގެ ކުންފުންޏަކާ ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދިއިރު، ދިވެހި ސަރުކާރުގެ ހިއްސާއަކީ 25 ޕަސެންޓް ކަމަށް އެއްބަސްވުމުގައި އޮތުމުންނެވެ.
އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ބެލުމަށް ފަހު އެވެ. ތަހުގީގު މަރުހަލާގައި ގާނޫނީ ގޮތުން ގޯސްތަކެއް ހަދާފައިވާ ކަން އެ ނިންމުމުގައި ފާހަގަކޮށްފައި ވެ އެވެ.
ނައިބު ރައީސަކަށް ޖިހާދު ހުންނެވިއިރު އެ މަނިކުފާނުގެ ރަސްމީ ގެކޮޅުގެ ގޮތުގައި ދައުލަތުން ދޫކުރި ރެހެންދި ފްލެޓްގެ އެޕާޓްމެންޓް އެ މަގާމުން ވަކިވެ ވަޑައިގަތުމަށް ފަހު ހުސް ނުކުރައްވައި، ބޭނުން ކުރެއްވި ކަމަށް ބުނެ 1.1 މިލިއަން ރުފިޔާ ހޯދަން ވެސް ޖިހާދުގެ މައްޗަށް ދައުލަތުން ކުރިން ދައުވާކުރި އެވެ.
އެ މައްސަލަ ވެސް މިދިޔަ ޖެނުއަރީ މަހު ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ކޮމެންޓު ފޮނުވާ