ބައެއް މައުލޫމާތު ހިފެހެއްޓުމަށް އެދި ކުރީ ސަރުކާރުން އިސްތިއުނާފްކުރި މައްސަލައެއް އަބުރާ ގެންދިއުމަށް އޭޖީ އޮފީހުން ނިންމައިފި

ބައެއް މައުލޫމާތު ހިފެހެއްޓުމަށް އެދި ކުރީ ސަރުކާރުން އިސްތިއުނާފްކުރި މައްސަލައެއް އަބުރާ ގެންދިއުމަށް އޭޖީ އޮފީހުން ނިންމައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެން ސަރުކާރުންކުރި އެންމެހައި ޚަރަދުތަކާ ގުޅޭ ރަސީދުތަކުގެ ކޮޕީ، އެ މަޢުލޫމާތަށް އެދުނު ފަރާތާ ޙިއްޞާކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަންބަރު ICOM-A/2022/08 ނިންމުމުގައި އަންގަވާފައިވާތީ، އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި 20 މާރިޗު 2022 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގެ ނަންބަރު 2022/HC-A/105 ޤަޟިއްޔާއިން ބައްލަވައި، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅުއްވާފައިވާތީ، އެ ނިންމުން އިސްތިއުނާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޭރު އެދިވަޑައިގަތުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 7 ޖުލައި 2023 ގައި އެޓާނީ ޖެނެރަލް އޮފީހުން އިސްތިއުނާފުކުރި ކުރުން އަނބުރާ ގެންދިއުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

މިމައްސަލައާއި ގުޅޭގޮތުން އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް އެ ކޯޓުގެ ނަންބަރު 2023/SC-A/41 ޤަޟިއްޔާއިން ބައްލަވަމުން ގެންދަވާ މައްސަލައަކީ، މައިގަނޑު ގޮތެއްގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 21 ވަނަ މާއްދާ އާއި 76 ވަނަ މާއްދާގެ (ނ) ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކުރައްވާފައިވާ ގޮތާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުއްވުމަށް އިސްތިއުނާފުކުރި މައްސަލައެއް ކަމުގައި ވީނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުން އަލުން ދިރާސާކުރުމަށްފަހު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/41 ޤަޟިއްޔާއިން ބައްލަވަމުންގެންދަވާ މައްސަލަ އަނބުރާ ގެނައުމަށް އެ އޮފީހުން ނިންމާފައިވާ ކަމުގައެވެ.

އެހެންކަމުން، މި ނިންމުމާ އެއްގޮތަށް އެ މައްސަލައިގެ އިސްތިއުނާފު ފޯމު ބާޠިލްކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ގޮތުގެމަތިން، އެ މަޢުލޫމާތުތައް މަޢުލޫމާތަށް ހޯދުމަށް އެދުނު ފަރާތަށް ޙިއްޞާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލަފާއަރުވާފައިވާނެ ކަމަށްވެސް އޭޖީ އޮފީހުން ބުނެފައި ވެއެވެ.

މި މައްސަލައަކީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް ސޯލިހު ކުރެއްވި ދަތުރުގެ ހަރަދު ހޯދަން ކުރީގެ ނޫސްވެރިޔާ، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ.

ރަސީދުތައް ސިއްރުކުރުމަށް އޭރު ރައީސް އޮފީހުން ނިންމުމުން ހައިކޯޓަށް ހުށަހެޅި މި މައްސަލާގައި އެ ކޯޓުން ނިންމީ ބައެއް މައުލޫމާތުތައް އުނިކޮށްފައި ރަސީދުތައް ދޫކުރުމަށެވެ. އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި މި ސަރުކާރުންވެސް ވަނީ، މައުލޫމާތު ސިއްރުކުރަން ސޯލިހުގެ ސަރުކާރުން ނިންމި ނިންމުން ދިފާއުކޮށްފަ އެވެ.

އޭޖީ އޮފީހުގެ ނިންމުން ބަދަލު ކުރުމަށް ނިންމާފައިވަނީ، އެމައްސަލަ އިސްތިއުފާ ކޮށްފައި އޮތް އޮތުމަށް މިހާރުގެ މެމްބަރު އަޒާން ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *