މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވުމަށް، އެތަންތަނުގައި ޒަމާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފި އެވެ.
މި މަސައްކަތުގެ ދަށުން ފުރަތަމަ ގާއިމުކުރި ނިޒާމު އޮޕަރޭޓްކުރަން އިއްޔެ ވަނީ ފަށާފައެވެ. އޮޑަރ ކޮންޓްރޯލް ސިސްޓަމް ބަހައްޓާ ބޭނުންކުރަން ފަށާފައިވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި ހުންނަ 4 ނަމްބަރ ޕަމްޕް ސްޓޭޝަންގައެވެ. މި ނިޒާމު އޮޕަރޭޓްކުރަން ފަށްޓަވައި ދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު އެވެ.
މި ސިސްޓަމް އަލަށް ގާއިމުކުރެވުނު ސަރަހައްދުގައި މީޑިއާތަކާ ބައްދަލުކުރައްވައި މަތީން ވިދާޅުވީ، މި ޒަމާނީ އައު ނިޒާމަކީ ޕަމްޕު ސްޓޭޝަންތައް ހުންނަ ސަރަހައްދުތަކުގެ ރައްޔިތުންނަށް އެސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން ތަހައްމަލު ކުރާ އުނދަގޫތަކަށް ދާއިމީ ޙައްލެއް ފޯރުކޮށްދިނުމުގެގޮތުން، އެ ކުންފުނިން ކުރި ދިރާސާތަކުގެ އަލީގައި ބެހެއްޓިގެން ދިޔަ ނިޒާމުތަކެއް ކަމަށެވެ.
މަތީން އިތުރަށް ވިދާޅުވީ، މިއީ ކުންފުނި ޒަމާނީކޮށް ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމަށެވެ.
އެމްޑަބްލިއުއެސްސީން ބުނެފައިވާ ގޮތުގައި، މި އައު ނިޒާމުގެ ސަބަބުން ޕަމްޕްސްޓޭޝަންއިން ޖައްވަށް ދޫކުރާ ވައިގައި ހުންނަ ނޭދެވޭ ވަހުގެ މިންވަރު 99% އަށް ދަށްކުރެވޭނެ ކަމަށް ބެލެވެއެވެ. އަދި ޕަމްޕު ސްޓޭޝަންތަކުގައި މިހާރު ހުރި ވަސްހޮޅިތައް ނަގައި، ޒަމާނީ އައު ނިޒާމެއް ބެހެއްޓޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާނީ އެއް އަހަރުގެ މުއްދަތެއްގެ ތެރޭގައި އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ދެން މި ނިޒާމު ގާއިމުކުރާނީ މާލޭގެ ޕަމްޕު ސްޓޭޝަން 2 ގައެވެ. އޭގެ ފަހުން މާލޭގައި ހުރި 9 ޕަމްޕު ސްޓޭޝަންގައި މި ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.
އިތުރު ކުރިއެރުމެއްގެ ގޮތުގައި، ބައެއް ސްޓޭޝަންތަކުގައި ޖާގަ ލިބޭ މިންވަރަކުން، މި ވަސީލަތްތަކަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ސޯލާ ޕެނަލް ހަރުކޮށް، ޕަމްޕްސްޓޭޝަންތަކަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ވަސީލަތްތައް ބޭނުންކުރާ ތަންތަނަށް ބަދަލުކުރާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ