މިފްކޯގެ އުފެއްދުންތައް ސްރީލަންކާގެ ބާޒާރަށް ރަސްމީކޮށް ތަޢާރަފުކޮށްފި

މިފްކޯގެ އުފެއްދުންތައް ސްރީލަންކާގެ ބާޒާރަށް ރަސްމީކޮށް ތަޢާރަފުކޮށްފި

Author
އަހުމަދު
05 މެއި 2026 03:27
0

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަޤުވާމީ ބާޒާރުގައި ފުރުޞަތު ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިފްކޯގެ މަހުގެ ބާވަތްތައް ސްރީލަންކާގެ މާކެޓަށް މިއަދު ތަޢާރަފުކޮށްފިއެވެ.

މި ތާރީޚީ ރަސްމިއްޔާތުގައި، ދިވެހިންގެ ތެރޭގައި މަޤުބޫލު "ފަސްމީރު" ބްރޭންޑްގެ ދަޅުމަހާއި، ވަޅޯމަސް، ރިހާކުރު އަދި ބަންދުކޮށްފައިވާ މުގުރިމަސް ލަންކާގެ ބާޒާރަށް ނެރެދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މި ހަފްލާގައި ސްރީލަންކާގެ ވިޔަފާރިއާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ވަޒީރު ވަސަންތާ ސަމަރަސިންގެ އާއި އިންޓަރޕްލޭން ސިލޯންގެ ސީއީއޯ ޒުރައިޝް ޙާޝިމް ބައިވެރިވެވަޑައިގަތެވެ.

ކަނޑުގެ އުފެއްދުންތަކުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ދަށުން، ފާއިތުވި އަހަރުގެ ޖުލައި މަހު "ފްރޮމް މޯލްޑިވްސް" ގެ ނަމުގައި ޚާއްޞަ ޤައުމީ ބްރޭންޑެއް ވަނީ ނެރެފައެވެ.

މިފަދަ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގައި މަސް ބަންދުކުރުމާއި، ޕްރޮސެސްކުރުން އަދި ފިނިކޮށް ރައްކާކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ. އަދި މިއީ ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤުވާމީ ބާޒާރުގައި ފައިތިލަ ސާބިތުކޮށް، ޤައުމުގެ އިޤުތިޞާދަށް އޭގެ ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެ މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.